ޗެލްސީގެ ލެޖެންޑް ރޭ ވިލްކިންސް މަރުވެއްޖެއެވެ.

އިނގިރޭސިވިލާތަށް އުފަން ވިލްކިންސް މަރުވީ މިދިޔަ ހަފްތާގައި ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އުމުރުން 61 އަހަރުގެ ވިލްކިންސް ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ޗެލްސީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑާއި އޭސީ މިލާންގެ އިތުރުން ޕީއެސްޖީ ފަދަ މަޝްހޫރު ކްލަބުތަކަށް ކުޅެދީފައެވެ.

ވިލްކިންސް ވަނީ ޗެލްސީ އަށް ކުޅުމުގެ އިތުރުން އެ ކްލަބުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމު ވެސް އަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރެ އެ ކްލަބާއެކު ޕްރިމިއަރ ލީގާއި އެފްއޭ ކަޕެއްގެ އިތުރުން ކޮމިއުނިޓީ ޝީލްޑެއް ކާމިޔާބުކޮށްފައެވެ.

އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކެޕްޓަން ވެސް ކުރި ވިލްކިންސް ވަނީ އެޓީމަށް 84 މެޗު ކުޅެދީފައެވެ.

ވިލްކިންސް މަރުވުމާ ގުޅިގެން އޭނާ ކުރިން ކުޅުނު ކްލަބުތަކުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.