އީގަލްސް އަކީ އަބަދުވެސް އެޓޭކިންގް ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި މިރޭގެ މެޗުގައިވެސް ކުޅޭނީ އެގޮތަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި އެންމެ ފަހުން އީގަލްސް ކުޅުނު މެޗުގައި އެޓީމު ވަނީ ޔުނައިޓެޑް ވިކްޓްރީ އަތުން 4-4 އިން އެއްވަރުވެފައެވެ. މި މެޗުގެ ނަތީޖާ ޔޫވީއިން ހަމަހަމަކުރީ އީގަލްސްއިން 4 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައެވެ. ލީގުގެ އިއްޔެގެ މެޗުތަކުގެ ނަތީޖާ އަށް ފަހު އީގަލްސް މި ވަގުތު އޮތީ ހަތް މެޗުން 13 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. މިރޭ ދަ ގްރާންޑޭ އަތުން މޮޅުވެގެން އީގަލްސް އަށް ދެ ވަނަ އަށް އެރޭނެ އެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިރޭ ދަ ގްރާންޑޭއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، އެންމެ ފަހުން ލީގުގައި ޔޫވީއާއި ބައްދަލުކުރި މެޗުގައި ލަނޑުތަކެއް އެޓީމުކޮޅަށް ވަތްނަމަވެސް، އެޓީމުގެ އެޓޭކިން ގޭމް ޕްލޭނަށް ބަދަލެއް ނުގެންނާނެކަމަށެވެ.

މޯހަން ބުނީ ފާއިތުވެދިޔަ ބައެއް މެޗުތަކުގައި އީގަލްސް އަށް އެންމެ އުއްމީދީ ނަތީޖާތަކެއް ނެރެވިފައިނުވި ނަމަވެސް އެ ޓީމު އޮތީ ގޯސް ހިސާބެއްގައި ނޫން ކަމަށާއި ޓީމުގެ ސްޓައިލަށް ބަދަލެއް ނުގެނެސް ފަހަތަށް އަންނަ ބޯޅަތައް ޑިފެންސްކުރުމުގައި ކުރިޔަށްވުރެއް ބޮޑަށް ދެން ހުރި މެޗުތަކުގައި ސަމާލުކަންދެނިކޮށް ނަތީޖާ ތައް ނެރުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.

"ވަރަށް ރަނގަޅަށް ޓީމު އެޓޭކް ކުރޭ ހަގީގަތުގައި. އަޅުގަނޑުމެންނަށް މައްސަލަ އަކަށް ދިމާވަނީ ބައިކޮޅަށް އަންނަ މަދު ބޯޅައެއް ކޮޅަށް ވަންނާތީ. އީގަލްސް ކުޅޭ ސްޓައިލް ބަދަލެއް ނުކުރާނަން. ފަހަތަށް މި އަންނަ ބޯޅަތައް ތަންކޮޅެއް ރަނގަޅަށް ޑިފެންސްކުރެވޭތޯ މަސަތްކަތް ކުރަންވީ. " މޯހަން ބުންޏެވެ.

މޯހަން ބުނީ ދަ ގްރާންޑޭއާއި ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެކަމަށާއި، އެޓީމަކީވެސް އީގަލްސްއާއި އެއް ފެންވަރުގެ ޓީމެއްކަމަށެވެ. މޯހަން ބުނީ މިއަހަރުގެ ޕްރިމިއަރ ލީގަށް އަލަށް ކޮލިފައިވި ދަ ގްރާންޑޭއަކީ ތަޖުރިބާކާރު ކޯޗަކާ އެކީ އެކުލާވާލާފައިވާ ރަނގަޅު ސްކޮޑެއް އޮތް ޓީމެއް ކަމަށާއި ފެންވަރުގެ ގޮތުން ރަނގަޅު ކުޅުންތެރިން ތިބި ޓީމެއްކަމުން އެޓީމު ބަލިކުރެވޭނީ ވަރަށް މަސައްކަތްކޮށްގެންކަމަށެވެ.

"ދަ ގްރާންޑޭއަކީ ފަސޭހަ ޓީމެއް ނޫން. އެޓީމުގެ ނަތީޖާތަކަށް ބަލާލީމަ އެކަން ސާފުއެބަވޭ. ވަރަށް ރަނގަޅު ސްކޮޑެއްވެސް އެބައޮތް އެޓީމުގައި. ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކޮށްގެން ނޫނީ ކާމިޔާބުކުރުން ފަސޭހަކަމަކަށް ނުވާނެ. ހަގީގަތަށް ބުނަންޔާ އީގަލްސްއާއި އެއް ލެވެލްއެއްގެ ޓީމެއް ގްރާންޑޭއަކީ،" މޯހަން ބުންޏެވެ.

ދަ ގްރާންޑޭ އަށް ވެސް މިރޭގެ މެޗުން މޮޅުވެގެން ދެ ވަނައިގައި ފުރަތަމަ ބުރު ނިންމާލުމުގެ ފުރުސަތު އެބައޮތެވެ. މި ވަގުތު ހަތް މެޗުން 13 ޕޮއިންޓް ހޯދައިގެން ދަ ގްރާންޑޭ ލީގުގެ ފަސް ވަނައިގައި އޮތްއިރު އެޓީމު ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެއްވަނިގައި އޮތް މާޒިޔާ އަތުން ބަލިވެފަ އެވެ.

ދަ ގްރާންޑޭ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާައަސްލަމް

    އެޓޭކިންގް ފުޓްބޯޅަކިޔަނީ ފަހަތުގަ ބޯޅަ ހިފަހައްޓައިގެން ކުޅެމުން ނޫނީ ވަކިހިސާބެއްގަބޯޅަ ހިގަހައްޓައިގެން ކުޅެމުން ލިބޭހުސް ވަގުތު ތަކުގަ ތުރޫޕާހެއް ނޫނީ ބާރު ބޯޅައެއް ކުރިޔަށް ދުއްވަލައިގެން ކުޅުން ތެރިން ބާރަށް ކުރިޔަށް އަރާއެރުމަށް ކިޔާނަމެއް އެއީ އެކަމެއް ރާއްޖޭގަނުވެ ބޯޅަ އެޓޭކް ވަނީ މީހުންތިބެނީ ތިބިތާގަ