2020 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ބެލްޖިއަމް ވެއްޖެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ގިނަ ކުޅުންތެރިން ކުޅެމުން އަންނަ ބެލްޖިއަމް އިން އަންނަ އަހަރުގެ ޔޫރޯ އިން ޖާގައެއް ހޯދީ ރޭ ސެން މަރިނޯ އަތުން ހޯދި މޮޅާއެކު ކޮލިފައިންގައި އެޓީމު މިހާތަނަށް ކުޅުނު ހަތް މެޗުން ސައްތަ އިން ސައްތަ ރެކޯޑަކާއެކު އެކާވީސް ޕޮއިންޓް ހޯދައިގެންނެވެ.

މި ގްރޫޕްގެ ދެވަނައިގައި އޮރް ރަޝިއާ އަށް އަށާރަ ޕޮއިންޓް ލިބިފައިވާއިރު ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްގެން ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ރަޝިއާ އަށް އެބައޮތެވެ. ގްރޫޕް އައިގައި ބެލްޖިއަމްއާއި ރަޝިއާގެ ފަހަތުން ތިންވަނައިގައި ދިހަ ޕޮއިންޓާއެކު ސައިޕްރަސް އޮތްއިރު ހަތް ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ކަޒަޚިސްތާނު އެވެ. ހަ ޕޮއިންޓް ލިބިގެން ސްކޮޓްލޭންޑް ފަސްވަނަ މަގާމުގައި އޮތްއިރު ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ސެން މެރިނޯ އެވެ.

ރޭ ބެލެޖިއަމްގައި ކުޅުނު މެޗު އެ ގައުމުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 9-0ގެ ނަތީޖާއަކުންނެވެ. ސެން މެރިނޯ އަކީ ޔޫރަޕްގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ނިސްބަތުން ފެންވަރު ދަށް ޓީމެކެވެ. ބެލްޖިއަމްގެ ތަފާތު ހަތް ކުޅުންތެރިއަކު މި މެޗުގެ ލަނޑު ލިސްޓުން ޖާގަހޯދިއިރު ފޯވަޑް ރޮމެލޫ ލުކާކޫ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. މިއާއެކު ލުކާކޫ ގައުމީ ޓީމަށް ޖަހައިދިން ލަނޑުތަކުގެ އަދަދު ވަނީ 50 އަށް އަރާފަ އެވެ. އޭނާ އަކީ ބެލްޖިއަމް ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ޝަރަފު އޮންނަ ކުޅުންތެރިއާ އެވެ.

ލުކާކޫގެ އިތުރުން ލަނޑުތައް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޓޮބީ އަލްޑަވިއަރެލްޑާއި ފޯވަޑް ކްރިސްޓިއަން ބެންޓެކޭ އާއި މިޑްފީލްޑަރު ޔޫރި ޓީލަމަންސް އާއި ޒުވާން ޑިފެންޑަރު ޓިމޫތީ ކަސްޓާން އާއި މިޑްފީލްޑަރު ޔާރީ ވާޝައެރެން އެވެ. ބެލްޖިއަމް އިން ދެން ޖެހި ލަނޑަކީ ސެން މެރިނޯގެ ކްރިސްޓިއަން ބްރޯލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ގްރޫޕްގައި އަންނަ އާދިއްތަ ދުވަހު ބެލްޖިއަމް ދެން ނުކުންނާނީ ކަޒަޙިސްތާނާއި ދެކޮޅަށެވެ. ސެން މަރިނޯ ބައްދަލުކުރާނީ ސްކޮޓްލޭންޑާއެވެ.