ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ނިކުންނައިރު ރެއާލް މެޑްރިޑަށް ޕްރެޝަރެއް ނެތް ކަމަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިރޭގެ މެޗަށް ނިކުންނައިރު މި ސީޒަނުގައި ރެއާލް އަށް ކާމިޔާބުކުރެވެން އޮތް ހަމައެކަނި ތަށްޓަކީ ޗެމްޕިއަންސް ލީގެވެ. އެގޮތުން ސްޕެނިޝް ލީގުގެ ހަތަރުވަނައިގައި ރެއާލް މިވަގުތު އޮތްއިރު އެޓީމާއި ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދު މިވަގުތު 17 ޕޮއިންޓުގެ ފަރަގެއް އެބައިނެވެ. އަދި ސްޕެނިޝް ކަޕުން ރެއާލް ވަނީ ކަޓާފައެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ޕީއެސްޖީ އާއި ދެކޮޅަށް ރެއާލް ނިކުންނައިރު ޒިދާން ބުނީ މި މެޗަށް ވެސް ރެއާލް އިން ތައްޔާރުވީ އެހެން މެޗުތަކަށް ވެސް ތައްޔާރުވާ ގޮތަށް ކަމަށާއި އިތުރު ޕްރެޝަރެއް ރެއާލް އަށް ނެތް ކަމަށެވެ.

"ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އަހަރުމެންނަށް އަބަދުވެސް އޮވޭ. އެކަމަކު އެއީ ހަމަ ކޮންމެ މެޗެއްގަ ވެސް އޮންނަ އެއްޗެއް. މިރޭ މި ކުޅެނީ ފައިނަލް މެޗެއް ނޫން. މި މެޗަށް އަހަރުމެން ތައްޔާރުވީ ހަމަ އެހެން މެޗުތަކަށް ވެސް ތައްޔާރުވާ ގޮތަށް. އިތުރު ޕްރެޝަރެއް ނެތް" ޒިދާން ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު ޒިދާންގެ ކުރިމަގާ ގުޅޭގޮތުން ވެސް ތަފާތު އެކި ވާހަކަތައް މީޑިޔާގައި ދަނީ ދެކެވެމުންނެވެ. އެގޮތުން ޕީއެސްޖީ އަތުން ބަލިވެ މުބާރާތުގެ ދެވަނަ ބުރާ ހިސާބުން ރެއާލް ކަޓައިފިނަމަ މި ސީޒަނަށްފަހު އެޓީމުގެ ކޯޗުކަމުގެ މަގާމުން ޒިދާން ފެނުމަކީ ދުރު ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ވާހަކަތަކާ ގުޅިގެން ޒިދާން ބުނީ ކުރިމަގާ މެދު މިވަގުތު ނުވިސްނާ ކަމަށާއި މިވަގުތު ހުރިހާ ވިސްނުމެއް ވެސް ހުރީ މިރޭގެ މެޗަށް ކަމަށެވެ. އަދި މިރޭގެ މެޗުގައި އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށްވެސް ޒިދާން ބުންޏެވެ.

ރެއާލްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 00:45 ގައެވެ.