ފްރާންސްގެ ޕީއެސްޖީ ދޫކޮށްލަން ބޭނުންވެފައި ހުރި ދުނިޔޭގެ އެންމެ މޮޅު އެއް ފޯވަޑް ކީލިއަން އެމްބާޕޭ 250 މިލިއަން ޕައުންޑަށް ވުރެ ކުޑަ އަގެއްގައި ނުވިއްކާނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ޕީއެސްޖީގެ ފުލް ޓީމުން އެމްބާޕޭ އަށް މިހާރު ވަނީ ފުރުސަތުދީފައެވެ. އެއީ އެކުލަބަކާއެކު 2025 ގެ ނިޔަލަށް ކޮންޓްރެކްޓް އާ ކުރަން އޭނާ އެއްބަސްވުމުންނެވެ. ކުރިން އޭނާ ހުރީ މި ސީޒަނުގައި ޕީއެސްޖީކުޅުމަށްފަހު ކޮންޓްރެކްޓް އާނުކޮށް ރެއާލް މެޑްރިޑަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވުމަށެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ރެއާލް މެޑްރިޑުން އަންނަނީ އެމްބާޕޭއަށް ފާރަލަމުންނެވެ. ޕީއެސްޖީން ގަބޫލުކުރަނީ މިއީ ރެއާލް މެޑްރިޑަށް އެކުލަބުން އެމްބާޕޭ ލުއްސައިލަން އެހާ ފަސޭހަ އަދަދަކަށް ނުވާނެ ކަމަށެވެ. އަދި މިވަގުތު ރެއާލް މެޑްރިޑުން އެމްބާޕޭ ގަތުމާމެދު ޝައުގު ކުޑަކޮށްތިބީތީވެ، ޕީއެސްޖީ އޮތީ ކުޑަ ހައިރާންކަމެއްގައެވެ.

އެ ކުލަބުން ގަބޫލުކުރަނީ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރަށް އައުކޮށް އެމްބާޕޭ ރެއާލް މެޑްރިޑާ އަންނަ ސީޒަނުގައި ގުޅޭނެ ކަމަށެވެ. އަދި މިކަމަށް އޭނާ އަނގަބަހުން އެއްބަސްވެފައިވާ ކަމަށް ޕީއެސްޖީން ވެސް ތުހުމަތުކުރެއެވެ. ރެއާލް މެޑްރިޑުން މި ސީޒަނަށް އަގުބޮޑުކޮށް ފޯވަޑެއް ނުގަތީ ވެސް އެމްޕާބޭ އަންނަ ސީޒަނުގައި ހިލޭ ލިބޭނެ ކަމުގެ އުއްމީދުބޮޑުކަމުންނެވެ.

އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑްގެ ގޮތުގައި އެމްބާޕޭ ސިފަކޮށް ޕީއެސްޖީން ބުނީ، އެވަރުގެ ކުޅުންތެރިއަކު ހިލޭ ދޫކޮށްލެވެން ނެތް ކަމަށެވެ.

ދާދިފަހުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ވަނީ ޕީއެސްޖީ ދޫކޮށް އިންޓަ މިއާމީއަށް ބަދަލުވެފައެވެ. ޕީއެސްޖީން އަންނަނީ މެސީ ނެތްތަން ފޫބެއްދުމަށް މޮޅު ކުޅުންތެރިން ހޯދުމަށް މަޝްވަރާ ކުރަމުންނެވެ.