ބެންފީކާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ގޮންޒާލޯ ރާމޯސް، އެ ކުލަބު ދޫކޮށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވާން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރާމޯސް، 22 ހޯދުމަށް ޕީއެސްޖީން ގާތްގަނޑަކަށް ޖުމުލަ 80 މިލިއަން ޔޫރޯ ޚަރަދު ކުރާނެއެވެ. ޕީއެސްޖީން މިހާރު އަންނަނީ ބެންފީކާ އާއެކު އެންމެ ފަހުގެ މަޝްވަރާތައް ކުރަމުން ކަމަށާއި، މިހަފްތާގެ ތެރޭގައި ހުރިހާ ކަމެއް މުޅިންހެން ފައިނަލް ވާނެ ކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެއެވެ.

ޕީއެސްޖީ އަށް އޭނާ ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އެ ކުލަބާއެކު އޭނާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރާމޯސް ވިދާލީ އެންމެ ފަހުން ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕުންނެވެ. މުބާރާތުގެ ގަދަ 16 ބުރުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރާމޯސް ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކް ހަމަކޮށްފައެވެ.

ރާމޯސް ބެންފީކާއަށް މިހާތަނަށް ކުޅެދިން 143 މެޗުގައި އޭނާ ވަނީ 57 ލަނޑު ޖަހައިފައެވެ. އެ ކުލަބާއެކު އޭނާ ވަނީ އެއް ތަށި ކާމިޔާބުކޮށްފައެވެ. ރާމޯސް އަށް ޕޯޗުގަލް ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2022 ވަނަ އަހަރުއެވެ. އެއީ ރަފާ ސިލްވާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމާއެކުއެވެ.

ލިއޮނަލް މެސީ ޕީއެސްޖީ ދޫކޮށް ދިއުމާއެކު، ޕީއެސްޖީން އަންނަނީ ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.