ޕޯޗުގަލްގެ ފޯވާޑް ގޮންޒާލޯ ރާމޯސް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ސޮއި ކޮށްފި އެވެ.

ރާމޯސް ވިދާލީ އެންމެ ފަހުން ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕުންނެވެ. މުބާރާތުގެ ގަދަ 16 ބުރުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރާމޯސް ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކް ހަމަކޮށްފައެވެ.

ދާއިމީ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީން ހޯދަން މަސައްކަތް ކުރި ރާމޯސް އެ ކުލަބަށް ސޮއި ކުރީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއް އަހަރު ދުވަހަށް އެކުލަވާލި ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ޕީއެސްޖީ އަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމުގެ ފުރުސަތު އޮވެ އެވެ. އޭނާ ހޯދުމަށް ޕީއެސްޖީން ވަނީ ޖުމުލަ 80 މިލިއަން ޕައުންޑު ޚަރަދުކޮށްފަ އެވެ. ޕީއެސްޖީގައި ރާމޯސް ބޭނުން ކުރާނީ ނުވަ ނަންބަރު ޖާޒީ އެވެ.

ޕީއެސްޖީ އަށް ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ރާމޯސް ބުނީ ޕީއެސްޖީގައި ޖާޒީގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ރާމޯސް ޕީއެސްޖީ އަށް ސޮއި ކުރުމާ ގުޅިގެން އެ ކުލަބުގެ ރައީސް ނާސިރު އެލް ޚެއްލާފީ ވިދާޅުވީ، ރާމޯސް އަކީ ޤައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައިވާ، ހުނަރުވެރި ޒުވާން ކުޅުންތެރިޔެއް ކަމަށެވެ.

ރާމޯސް ބެންފީކާއަށް މިހާތަނަށް ކުޅެދިން 143 މެޗުގައި އޭނާ ވަނީ 57 ލަނޑު ޖަހައިފައެވެ. އެ ކުލަބާއެކު އޭނާ ވަނީ އެއް ތަށި ކާމިޔާބުކޮށްފައެވެ. ރާމޯސް އަށް ޕޯޗުގަލް ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2022 ވަނަ އަހަރުއެވެ. އެއީ ރަފާ ސިލްވާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމާއެކުއެވެ.

ލިއޮނަލް މެސީ ޕީއެސްޖީ ދޫކޮށް ދިއުމާއެކު، ޕީއެސްޖީން އަންނަނީ ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.