.ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސް އިން ގަދަފަދަ މާޒިޔާ ބަލިކޮށްފި އެވެ

ޕްރިމިއާ ލީގުގައި ރޭ ގަލޮޅު ދަނޑުގައި މި ދެޓީމު ބައްދަލުކުރި މެޗު އީގަލްސް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތްއިރު މި ދެޓީމަކީ ލީގުގައި މިހާތަނަށް ހަމައެކަނި ބަލިނުވެ އޮތް ދެ ޓީމެވެ. މާޒިޔާ އަތުން މޮޅުވުމުން ލީގުގައި ބަލިނުވުމުގެ ރެކޯޑް މިހާ އޮތް ހަމައެކަނި ކްލަބަކީ އީގަލްސް އެވެ.

ރޭގެ މެޗާއި ކުރިމަތިލިއިރު އީގަލްސްގެ ކެޕްޓަން ހުސައިން ސިފާއު ޔޫސުފް (ކުރޯ) ހުރީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. އެކަމަކު ލީގުގައި އެންމެ ފަހުން އީގަލްސްއިން ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން ރޭގެ މެޗުގައި ވަނީ ކުޅެފަ އެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނިޓްގައި އީގަލްސް އަށް ކާމިޔާބުކޮށްދިނީ ފޯވަޑް އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ލަނޑު ޖެހީ މާޒިޔާގެ އޭރިއާ ބޭރުންނެވެ. އޭނާ ތިރިތިރިން ބާރަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އީގަލްސް އިން ވަނީ ފުރަތަމަ ބުރުގައި ވެސް މާޒިޔާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ބުރުގައި މި ދެޓީމުގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި މޮޅާއެކު އީގަލްސް ވަނީ 10 މެޗުން 18 ޕޮއިންޓް ހޯދައި ތާވަލުގެ ދެ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. މެޗުން ބަލިވުމުން އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު މާޒިޔާއަށް ވަނީ ގެއްލިފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 10 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެވެ. ލީގުގެ ތިން ވަނައިގައި އޮތީ އިއްޔެ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ އެއްވަރުވި ކްލަބް ގްރީން ސްޓްރީޓްސް އެވެ. އެޓީމަށް 10 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.

ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓްރީ އާއި ވިކްޓްރީ ވާދަކުރާއިރު އެރޭ ކުޅޭނީ އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އާދީއްތަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ނިލަންދޫ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުލާގު

    އިސްލާމްދީނަށް ޖޯކުޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅެއް ނާޅާ ، ތިކަން ހެޔޮ ދުވަހަކު ނުކުރިޔަސް...