އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ވާދަވެރި ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗުގަައި އަނިޔާގެ ސަބަބުން ޕައުލް ޕޮގްބާ އާއި ޑޭވިޑް ޑެހެއާ އަށް ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ މިޑްފީލްޑަރު ޕޮގްބާ އާއި ކީޕަރު ޑެހެއާ އަށް ނުކުޅެވޭނެކަން އެޓީމުގެ ކޯޗު އޮލޭ ގުނާ ސޯލްޝެއާ ވަނީ ޔަގީންކޮށްދީފަ އެވެ.

“ ޑެހެއާގެ އިތުރު ޓެސްޓްތަކެއް ހަދަން އެބަޖެހޭ، ހަމަގައިމުވެސް ރޭގަ އަހަރެމެން ބެލިއިރުން އޭނާ އަކަށް ލިވަޕޫލް މެޗުގައި ނުކުޅެވޭނެ. ޕޮގްބާ އަނިޔާއިން އެނބުރި އައިސް ދެތިން މެޗު ކުޅެލައިފި. އެކަމަކު އޭނާ އަދި 100 ޕަސެންޓް ފިޓެއް ނޫން “ ސޯލްޝެއާ ބުންޏެވެ.

ގޯލްކީޕަރު ޑެހެއާ އަށް އަނިޔާވެފައިވަނީ ޔޫރޯ ކޮލިފައިންގައި ސްވިޑަން އާއި ވާދަކުރި މެޗުގަ އެވެ. ޑެހެއާގެ ބަދަލުގައި ލިވަޕޫލް އާއި ދެކޮޅަށް ނުކުންނަ މެޗުގައި ޔުނައިޓެޑްގެ ގޯލު ބަލަހައްޓާނީ އާޖެންޓީނާގެ ކީޕަރު ސާޖިއޯ ރޮމެރޯ އެވެ. މި ސީޒަންގައި ރޮމެރޯ ވަނީ ޔުނައިޓެޑްގެ ޖާޒީގައި ޔުރޮޕާ ލީގާއި ކަރަބާއު ކަޕްގައި ކުޅެފައެވެ.

ވާދަވެރި ލިވަޕޫލް އާއި ދެކޮޅަށް ޔުނައިޓެޑް ނުކުންނައިރު އެޓީމު އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިއްމު ގިނަ ކުޅުންތެރިން އަނިޔާގައި ތިބިއިރު ޔުނައިޓެޑުން ވަނީ އޯލްޑް ޓްރަފޯޑް އިން ބޭރުގައި މޮޅެއް ނުލިބި އެގާރަ މެޗު ހަމަކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ ބާރަ ވަނައިގައި ޔުނައިޓެޑް އޮތީ އަށް މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެންމެ ކުރީގައި އަށް މެޗުން ސައުވީސް ޕޮއިންޓް ލިބިގެން ލިވަޕޫލް އޮތްއިރު ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ސޯޅަ ޕޮއިންޓާއެކު އެވެ.