ރާއްޖޭގެ ފުޓްބޯޅައިގެ ސްޓައިލަށް ބަދަލުތަކެއް އައިސްފައިވާ ކަމާއި އެއީ ހެޔޮ ބަދަލެއް ކަމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެމްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ގައުމީ ޓީމުގެ އެޑްވައިޒަރީ ކޮމިޓީގެ ފަރާތުން ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި ބާއްވަމުންދާ ބައްދަލު ވުމުގައި ބައްސާމް ވިދާޅުވީ ރާއްޖޭގައި ކުޅޭ ފުޓްބޯޅައިގެ ސްޓައިލް މިހާރު ބަދަލުވެއްޖެ ކަމަށާއި އެއީ ދިވެހި ކޯޗުން ކަުލަބުތަކުގައި ކުރި މަސައްކަތް ކަމަށެވެ. ރާއްޖޭގެ ގުރާސްރޫޓް ފުޓްބޯޅައަށް އޭއެފްސީ ވަނީ ބްރޯންޒް ކެޑަގަރީގެ ބެޖު ދީފަ އެވެ. ބައްސާމް ވިދާޅުވީ އެއީ ފުޓްބޯޅަ ކުރިއެރުމުގައި ފެށުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ސިލްވާ ބެޖުގެ އިތުރުން ގޯލްޑް ބެޖުވެސް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައްސާމު ވިދާޅުވީ ފުޓްބޯޅަ ސީޒަން ކަލަންޑަރަށް ބަދަލު ގެންނަނީ ގައުމީ ޓީމުގެ އަމާޒު ހާސިލު ކުރުމުގެ ގޮތުން ގައުމީ ޓީމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ހަލާތާއި ވަސީލަތްތައް ވެސް ހުރީ އެންމެ އެކަށޭނެ ގޮތަށް ނޫން ކަމަށާއި އެއީވެސް ލީގަށް ގިނަ ބުރޭކުތަކެއް އަންނަން ޖެހޭ ސަބަބެއް ކަމަށެވެ. އަދި އޭޝިއަން ކަޕަށް ކޮލިފައި ވުމުގެ އުންމީދުގައި މަސައްކަތް ކުރާއިރު ގައުމީ ޓީމަށް ވަގުތު ހުސްކުރުމުގެ ގޮތުން ލީގް ބޮޑު ބުރޭކެއް ނެގުން ބައްސާމް ސިފަ ކުރެއްވީ ގުރުބާނީއެއްގެ ގޮތުގަ އެވެ.

"އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ކަނާތް ފަރާތުން މިއޮތް މޭޒަކީ (ކޯޗުންގެ މޭޒު) ސީޒަންގެ ކަލަންޑަރާ ބެހޭގޮތުން އެންމެ ގިނައިން ޝަކުވާ އަންނަ މޭޒު، އަޅުގަނޑުމެން ވެސް ބޭނުންވާ ކަމެއް ނޫން ކަލަންޑަރު އެއް މަހުން އަނެއް މަހަށް ބަދަލުވާކަށް ނަމަވެސް އަޅުގަނޑުމެން މި ކުރާ މަސައްކަތާއި ދާން ޖެހޭ ޓާގެޓަށް ދިއުމަށް ޓަކައި ބައެއްކަހަލަ ގުރުބާނީ އެބަޖެހޭ." ބައްސާމް ވިދާޅުވިއެވެ.

ޕްލޭނެއް ނެތި ކަލަންޑަރަށް ބަދަލުގެނެސް ލީގް ބޮޑު ބުރޭކަކަށް ދަތީ ކޯޗުންގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. މި މަހު 27 ވަނަ ދުވަހު އަނެއްކާވެސް ލީގަށް ބޮޑު ބުރޭކެއް އާދެ އެވެ. އެއީ 46 ދުވަހަށް ދެމިގެންދާ ބޮޑު ބުރޭކެކެވެ.