ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ޝެއިހް ކަމާލް ކްލަބް ކަޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީ އަތުން 4-1 އިން ބަލިވެއްޖެއެވެ.

ޗިޓަގޮންގެ އަޒީޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ޓީސީ ފެށީ ވަރަށް ދަށްކޮށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ޗިޓަގޮން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ. މެޗުގެ 8 ވަނަ މިނެޓުގައި ޗިޓަގޮންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ނައިޖީރިއާގެ ފޯވާޑް ޗިނޭޑޫ އެވެ. މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ޗިޓަގޮން އިން ލީޑު ފުޅާކުރީ ޑިފެންޑަރު ޔާސިން އަރަފާތު ކާމިޔާބުކުރި ލަނޑުންނެވެ.

ޗިޓަގޮންގެ ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޗިނޭޑޫ އެވެ. ޗިޓަގޮންގެ ހަތަރުވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓްގައި ޖެހީ އެ ޓީމަށް ކުޅޭ ބިދޭސީ ފޯވާޑް ލޫކަ ރޮޓްކޮވިޗް އެވެ.

މެޗުގައި ޓީސީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއީލް އީސާ (މެސީ) އެވެ. މެސީ ލަނޑު ޖެހީ ސާމިރު ނަގައިދިން ހުރަހަކުން ބޮލުން ޖަހައިގެންނެވެ.

ބަންގްލަދޭޝް ގައުމީ ޓީމުގެ ކުރީގެ ކޯޗު އަޝްރަފުލް ހައްގުގެ އިރުޝާދުގެ ދަށުން ކުޅޭ ޗިޓަގޮން އަބަހާނީ އަކީ މި މުބާރާތް އެންމެ ފުރަތަމަ ބޭއްވި ފަހަރު ކަމަށްވާ 2015 ވަނަ އަހަރުގެ ޗެމްޕިއަން ޓީމެވެ. ޓީސީން މި މުބާރާތުގެ ތަށި އުފުލާލީ 2017 ވަނަ އަހަރު އެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނޭ ޓީމުތަކަކީ އިންޑިއާގެ މޯހަން ބަގާން އާއި ލާއޯސް ގެ ޔަންގް އެލިފަންޓް އެފްސީ ގެ އިތުރުން ބަންގާޅުގެ ޗިޓަގޮން އަބަހާނީ އެވެ.

ރާއްޖޭގެ ޓީސީ ކުޅޭ ދެވަނަ މެޗުގައި އަންނަ ބުދަދުވަހު ނުކުންނާނީ އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު