އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުވެ ލީގުގައި ލިވަޕޫލުން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރެކޯޑް ނިމުމަކަށް އައިސްފި އެވެ.

ޕްރިމިއާ ލީގުގައި ރޭ މިދެޓީމު ބައްދަލުކުރި މެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާ އެކު ލީގުގެ އެއް ވަނައިގައި ލިވަޕޫލްގެ ލީޑު ވަނީ ހަ ޕޮއިންޓަށް ކުޑަވެފަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ 10 މެޗުން 25 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 10 މެޗުން 19 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށާއި ހަތަރުވަނައިގައި އޮތް ޗެލްސީ އަށްވެސް ސަތާރަ ޕޮއިންޓް ލިބިފައިވާއިރު ފަސްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ ސޯޅަ ޕޮއިންޓެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނިޓްގައި ޖެހީ ފޯވަޑް މާކަސް ރެޝްފޯޑް އެވެ. ޑެނިއަލް ޖޭމްސް ނަގައިދިން ހުރަހަކުން ރެޝްފޯޑް ގޯލު ޖެހިއިރު، މި އެޓޭކް ފަށަން ޔުނައިޓެޑުން ބޯޅަ ހޯދީ ލިވަޕޫލްގެ ފޯވާޑް ޑިވޮކް އޮރީގީ އަށް ފައުލުކޮށްފައިކަމަށް އެ ޓީމުން އެޕީލް ކުރި އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެ ލަނޑު ގަބޫލުކުރާށެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލަށް ސަޑިއޯ މާނޭ ލަނޑެއް ޖަހައިދިން ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމީ މާނޭ އަތުން ބޯޅަ ކޮންޓްރޯލް ކުރުމުންނެވެ.

މެޗުގެ ދެވަނަ ޙާފުގައި ގިނަ ވަގުތު ބޯޅަ ހިފެހެއްޓައިގެން ކުޅެމުން ދިޔައީ ލިވަޕޫލެވެ. އޭގެ ނަތީޖާ އަކަށްވީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް މިޑްފީލްޑަރު އެޑަމް ލަލާނާ ލިވަޕޫލަށް އެއްވަރުކޮށްދިނެވެ. ޑިފެންޑަރު އެންޑީ ރޮބަޓްސަންގެ ހުރަހަކުން ލަލާނާ ޖެހި މި ލަނޑަކީ ލީގުގައި މިދިޔަ ދެ އަހަރު ތެރޭ އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ވެސް ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ 13 ވަނައިގައި 10 ޕޮއިންޓާ އެކު އެވެ. ރެލިގޭޝަން ޒޯނަށް ވުރެ ޔުނައިޓެޑް އަތުގައި ގިނައީ ދެ ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު