ވޯލްޑްކަޕް ކޮލިފިކޭޝަނުގައި މާލޭގައި ފިލިޕީންސް އަދި ގުއާމާއި ދެކޮޅަށް ކުޅޭ މެޗުގެ ފޯރިގަދަކުރުމުގެ ގޮތުން އެފްއޭއެމުން އެކުލަވާލި ޓީމަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދެކޮޅަށް ކުޅުނު ހާއްސަ ފުޓުބޯޅަ މެޗު އެފްއޭއެމް ޓީމުން ކާމިޔާބުކޮށްފި އެވެ.

މާފަންނުގެ އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު އެފްއޭއެމްގެ ޓީމު ކާމިޔާބުކޮށްފައިވަނީ 9-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެފްއޭއެމް ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީ ނައިބުރައީސް ފައިސަލް ނަސީމް އެވެ. ނައިބު ރައީސްގެ އިތުރުން ދެން އެ ޓީމަށް ކުޅެފައިވާ ކުޅުންތެރިންގެ ތެރޭގައި ކުރީގެ ފުޓުބޯޅަ ތަރިންނާއި ޓޫރިޒަމް މިނިސްޓަރު އަދި ގައުމީ ޓީމު ކޮމެޓީގެ ޗެއާމަން އަލީ ވަހީދުގެ އިތުރުން އެފްއޭއެމުގެ އިސް ފަރާތްތައް ހިމެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޓީމުގައި މަޖިލީހަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުން ހިމެނިވަޑައިގެންނެވި އެވެ.

ގައުމީ ޓީމު ކޮމެޓީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވީ މި މެޗުގެ މަގްސަދަކީ ވޯލްޑްކަޕް ކޮލިފިކޭޝަނުގައި އަމިއްލަ ދަނޑުގައި ކުޅޭ ދެމެޗުގެ ފޯރި ގަދަ ކުރުން ކަމަށާއި ދިވެހި ހުރިހާ ސަޕޯޓަރުންވެސް މިފޯރީގައި ގައުމީ ޓީމު ކުރިއަށް ކުޅެން އޮތް ދެ މެޗުގައި ޓީމަށް ސަޕޯޓުކުރުމަކީ ގައުމީ ޓީމު ކޮމިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗުގައި އަންނަ މަހުގެ 14 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ޕިލިޕީންސްއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭނެއެވެ. މި ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު މިހާރުވީ މެލޭޝިއާގަ އެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. ކުޅުނު ތިން މެޗުން 3 ޕޮއިންޓް ހޯދައިގެން ރާއްޖެ ފަސްވަނައިގައި އޮތްއިރު ފުލުގައި އޮތް ގުއާމަށަ އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު