ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ބައްދަލު ކުރި މެޗުން ޔުނައިޓެޑު ބަލިވެއްޖެއެވެ.

ބޯންމައުތުގެ އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މެޗންު ޔުނައިޓެޑު ބަލިވެފައި ވަނީ 1-0ގެ ނަތީޖާ އަކުންނެވެ. ޔުނައިޓެޑު އެންމެ ފަހުން ކުޅުނު 3 މެޗުން މޮޅުވެފައި ވީ ނަމަވެސް، ބޯންމައުތު ވަނީ އެކަމަށް ނިމުމެއް ގެނުވާފައެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ބޯންމައުތަށް މިއަދު ލިބުނު މޮޅަކީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް އެ ޓީމަށް ޔުނައިޓެޑުގެ މައްޗައް މޮޅެއް ހޯދުނު 3ވަނަ ފަހަރުކަމެވެ.

މިއަދުގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފާއްޓައިގެން ގިނަ ޕާސްތަކާއި އެކު ކުޅެފައި ވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް، ބޯންމައުތުން ވަނީ ޔުނައިޓެޑުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖަހައިދީފައި ވަނީ ޖޯޝުއާ ކިންގެވެ.

އޭގެ ފަހުން ދެވަނަ ހާފުގައިވެސް ޔުނައިޓެޑަށް ލަނޑެއް ޖެހިފައި ނުވާއިރު މެޗު ނިމިގެން ދިޔައީވެސް މި ނަތީޖާގައެވެ. މި ސީޒަނުގައި ޔުނައިޓެޑުގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައި ވާއިރު، އަމިއްލަ ދަނޑުން ބޭރުގައި އެ ޓީމު ކުޅޭ މެޗުތަކުގައި ފެންނަ ނަތީޖާ އާއި މެދު ގިނަ ބަޔަކު ތިބީ ނުރުހުންވެފައެވެ.

މިއަދުގެ މޮޅާއި އެކު ތާވަލްގެ 6 ވަނަ މަގާމަށް 16 ޕޮއިންޓު ލިބިގެން ބޯންމައުތު ކުރިއަށް ޖެހިލި އިރު، ޔުނައިޓެޑު އޮތީ 13 ޕޮއިންޓާއި އެކު ތާވަލުގެ 8 ވަނާގައެވެ.

ކިޔުންތެރިންގެ ހިޔާލު