މެސުޓް އޮޒިލް އަނެއްކާވެސް އެސިސްޓެއް ކޮށް ދީފިއެވެ. ނަމަވެސް މިފަހަރު މިއީ ގޯލެއް ޖެހުމަށް ކުރި އެސިސްޓެއް ނޫނެވެ.

އިންޑިއާގެ އާއިލާއަކަށް އުފަންވި ފިރިހެން ކުއްޖަކަށް ކިޔާފައިވަނީ އޮޒިލްއެވެ. އާސެނަލްގެ ސަޕޯޓަރެއް ކަމަށްވާ އިންޒަމާމް އަލްހައްގް އޭނާގެ އަންހެނުން، ފިދާ ގާތު ބުނެފައިވަނީ ދެމަފިރިންނަށް ފިރިހެން ކުއްޖެއް ލިބިއްޖެނަމަ އެކުއްޖަކަށް ކިޔާނީ އިންޒަމަމްއަށް އެންމެ މޮޅު ކުޅުންތެރިޔާގެ ނަމުންކަމަށެވެ. އެހެންކަމުން މިދިޔަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު މެހްދު އޮޒިލް ވަނީ އުފަންވެފައެވެ.

އާސެނަލް ގެ މީޑިއާ ޓީމުން ވަނީ ދާދި ފަހުން އިންޑިއާ އަށް ކުރި ދަތުރުގައި ކެރެލާގެ ފުޓުބޯޅަ ވަރަށް މަޝްހޫރު ހިސާބެއް ކަމަށްވާ މަލައްޕޫރަމް ގައި އިންޒަމަމް އާއި ބައްދަލުކޮށްފައެވެ. "އަހަރެންގެ ދެމަފިރިން ނިންމައިގެން ތިބީ ފިރިހެން ކުއްޖެއް ލިބިއްޖެ ނަމަ އާސެނަލް ކުޅުންތެރިއެއްގެ ނަން ކިޔުމަށް. ވަކިން އޮޒިލް ގެ ނަން ކިޔުމަށް." އިންޒަމަމް ބުންޏެވެ.

މެސުޓް އޮޒިލް ޓުވިޓާ ގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ނަމުން ނަން ދީފައިވާ މެހްދު އޮޒިލް ގެ ވާހަކަ ހިއްސާކޮށްފައެވެ. އެޕޯސްޓުގައި އޮޒިލް ބުނެފައިވަނީ އިންޒަމާމް ގެ ދަރިފުޅަށް ނަން ދިނުމުގައި އޭނާގެ ނަން ބޭނުން ކުރުމަކީ އޮޒިލް އަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި. އޭނާގެ ހެޔޮ އެދުންތައް އިންޑިއާ އަށް ފޮނުވާކަމަށެވެ. ވަކިން ހާއްސަކޮށް މެހްދު އޮޒިލް އަށް އޭނާގެ ހެޔޮ އެދުން ފޮނުވާފައިވެއެވެ.

އޮޒިލް ޕޯސްޓު ނިންމާލަމުން ބުނެފައިވަނީ ކުރިޔަށްއޮތް ތަނުގައި މެހްދު އޮޒިލް އޭނާގެ އާއިލާއަށް ގިނަ ގިނައިން އެސިސްޓު ކުރާނެކަމަށް އުންމީދު ކުރާކަމަށެވެ. އޮޒިލް އަކީ އާސެނަލްއަށް އެޓީމުގެ ކުޅުންތެރިން ޖަހާ ގިނަ ގޯލުތަކަށް އެސިސްޓު ކޮށްދޭ ކުޅުންތެރިޔެކެވެ.