ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޯމާ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓުމުގެ ހުރިހާ ޒިންމާ އެއް ނަގާކަމުގައި ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑް ބުނެފިއެވެ.
ރޭގެ މެޗަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެމުން ކޯޗު ބުނީ ރޭގެ މެޗުގައި އެދެވޭ ކުޅުމެއް ކުޅުންތެރިންގެ ފަރާތުން ނުދެއްކުނު ކަމަށާއި ޓީމު ކުޅުނީ ވަރަށް ބޮޑަށް ޕްރެޝަރުގައި ކަމަށެވެ، އަދި ލިބުނު މަދު ފުރުސަތު ތަކުގެ ބޭނުންވެސް ނުހިފުނު ކަމަށް ވަލްވާޑް ވަނީ ބުނެފައެވެ.
"ބާސެލޯނާ ބަލިވީ އަހަރެންގެ ސަބަބުން. އެކަމުގެ ޒިންމާ އަހަރެން ނަގަން. ބާސެލޯނާ ބަލިވީ ޕްރެޝަރުގައި ކުޅެން ޖެހުމާއި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން" ކޯޗު ބުންޏެވެ.
އަދި ރޯމާގެ ކުޅުންތެރިންނަކީ ވަރުގަދަ ކުޅުންތެރިން ކަމަށާއި ރޯމާއާއި ދެކޮޅަށް ކުޅުމަކީ އެއްވެސް ޓީމަކަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށްވެސް ވަލްވާޑް ވަނީ ބުނެފައެވެ.
" ރޯމާގައި ރިބީ ވަރުގަދަ އަދި ހުނަރުވެރި ކުޅުންތެރިންތަކެއް. އެ ކުޅުންތެރިންނާއި ދެކޮޅަށް ކުޅެ ނަތީޖާ ނެރުމަކީ އުނދަގޫ ކަމެއް. އަދި އެއީ އެއްވެސް ޓީމަކަށް ފަސޭހަ ކަމަކަށް ނުވާނެ" ވަލްވާޑް ބުންޏެވެ.
މީގެ އިތުރުން ވަލްވާޑް ބުނީ ރޮމާ އަތުން ބަލިވެ ޗެމްޕިއަންލީގުން ކެޓުމުން ހުރިހާ ކުޅުންތެރިންނަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައި ކަމަށެވެ، ނަމަވެސް ކުރިއަށް އަދި ދެ މުބާރާތް އެބައޮތް ކަމަށާއި އުންމީދަކީ ކުރިއަށް ހުރި މެޗުތަކުން މޮޅުވެ އެ ދެމުބާރާތުގެ ތަށި އުފުލާލުން ކަމުގައެވެ. އަދި ޗެމްޕިއަންސް ލީގުން ކެޓުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށްވެސް ވަލްވާޑް ވަނީ ބުނެފައެވެ.
އަހަންނަށް ޔަގީން އަހަރެންގެ ފިރިމީހާ ރޭ ބާސާ ކެޓީމަ ރޮއެފަ ނިދާނީ...
އެކަމު ކުރިން ލެގުން މޮޅުވީމަ ފޮނިކެނޑި ބާސާ ވަރުގަދަވީމައޭ އަނެއްޓީމު ބައިކޮޅަށް ޖެހީ، ރޭގަ އެގަދަކަން ނުދެއްކުނީ ކީއްވެ
އަހަރެން ހީކުރީ ޝާހިރުގެ ފޮޓޯއެއް ކަމަށް.