އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ބްރައިޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގް ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ.

އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޔުނައިޓެޑް ވަނީ 16 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައަށް ޖެހިލައިފައެވެ. މިއަދުގެ ބައްޔާއެކު ބާރަ މެޗުން 15 ޕޮއިންޓް ލިބިގެން ބްރައިޓަން ވަނީ ތާވަލުގެ އެގާރަ ވަނައަށް ވެއްޓިފައެވެ.

މިރޭގެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެންތޮނީ މާޝަލް ދިން ބޯޅައެއްގައި އަންދްރެއާސް ޕެރޭރާއެވެ. އޭގެ އިރުކޮޅެއް ފަހުން ބްރައިޓަންގެ ޑޭވީ ޕްރޮޕާ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ޔުނައިޓެޑުން ލީޑު ފުޅާކުރިއިރު އެޓީމުން ފުރަތަމަ ހާފު ނިންމާލީ 2-0ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގެ ކުރީކޮޅު ބްރައިޓްންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ލެވިސް ޑަންކް ވަނީ ބޮލުން ލަނޑެއް ޖަހައި އެޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. ޑަންކްގެ ލަނޑާއެކު ބްރައިޓަން އަށް އުއްމީދު އާވެގެންދިއުމުން އެޓީމުން ދެން ކުޅުނީ ކުރިއަށްވުރެ ބޮޑަށް އެޓޭކިން ގޭމެކެވެ. ބްރައިޓަން އިން ކުރިއަށް ޖެހިލައިގެން ކުޅުމުގެ ފައިދާ ނަގައި ޔުނައިޓެޑުން ވަނީ ކައުންޓާގައި ލަނޑެއް ޖަހައި އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މާޝިއަލް ތަނަވަސްކޮށްދިން ފުރުސަތެއްގައި މާކަސް ރަޝްފޯޑެވެ.

ޔުނައިޓެޑްގެ ތިންވަނަ ލަނޑަށްފަހު ވެސް ލީޑު ފުޅާކުރަން ޔުނައިޓެޑަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ރަޝްފޯޑަށް ވަނީ ވަރަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ފަހު ފަނަރަ މިނެޓް ތެރޭގައި ޖޭމްސް ދިން ބޯޅައެއްގައި އޭރިއާ ތެރޭގައި ހުސްކޮށް ހުރެފައި ރަޝްފޯޑް ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

މިސީޒަންގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުންގެ ޕްރެޝަރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޓީމަކީ ޔުނައިޓެޑެވެ. މިރޭގެ މޮޅާއެކު ޔުނައިޓެޑްގެ ކޯޗު އޮލޭ ގުނާ ސޯލްޝެއާގެ ކޮނޑަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންގޮސްފައިވާއިރު އެޓީމަށް ދެން އޮތީ ލީގުގައި ޝެފީލް ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ކިޔުންތެރިންގެ ހިޔާލު