ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފް.އެމް.އެސް.ސީ) އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު މިފަހަރު މުޅި ލާމު އަތޮޅަށް ހުޅުވާލައިފިއެވެ.

އެފް.އެމް.އެސް.ސީގެ ރައީސް "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ކުރީ އަހަރު މުބާރާތަށް ލިބުނު ތަރުޙީބަށް ބަލާ، މިއަހަރުގެ މުބާރާތް މުޅި އަތޮޅަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރީ އަހަރުގެ މުބާރާތަށްވުރެ މިއަހަރުގެ މުބާރާތުގެ ޗެންޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމް ބޮޑުވާނެ ކަމަށްވެސް ރައީސް ހާމަކުރެއެވެ.

"މިދިޔަ އަހަރުވެސް މިމުބާރާތަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން އައި. ވަަރަށް ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން މިއަހަރުގެ މުބާރާތް މިބާއްވަނީ މުޅި ލާމު އަތޮަޅަށް ހުޅުވާލައިގެން." އެފް.އެމް.އެސް.ސީގެ ރައީސް އަޙްމަދު ނަސީޙް ބުންޏެވެ.

މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2020 ގެ ޗެންޕިއަން ޓީމަކަށް ބައިލައްކަ ރުފިޔާ (50،000 ރުފިޔާ) ދިނުމަށް ވަނީ ނިންމާފައެވެ. އަދި މުބާރާތުގެ ޗެންޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ ތައްޓެއް ކަމަށްވެސް ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން ހާމަކުރެއެވެ. މީގެ އިތުރުން މުބާރާތުގެ ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ފެއަރ ޕްލޭ ޓީމް ހޮވުމަށްވެސް ވަނީ ނިންމާފައެވެ. އަދި ކޮންމެ މުބާރާތެއްގެ އެންމެ މޮޅު ކުޅުންތެރިޔާ، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާވެސް ހޮވުމަށްވަނީ ނިންމާފައެއެވެ.

މިދިޔަ އަހަރުގެ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގެ ޗެންޕިއަން ޓީމް.

މިއަންނަ އަހަރު ފެބްރުއަރީ މަހު 14 ވަނަ ދުވަހު ފޮނަދޫ މެދުއަވަށު ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތަށް ޓީމް ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ. މިގޮތުން މިމުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބްގެ ހޮޓްލައިން، 7901819, 9994953 ނަންބަރު ފޯނާ ގުޅުއްވާ އެކަން ކުރިޔަށް ގެންދިއުމަށް އެބޭފުޅުން އެދެއެވެ. އަދި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބްގެ ފޭސްބުކް ޕޭޖް އިންވެސް މުބާރާތުގެ ފޯމް ލިބިވަޑައިގަންނަވާނެއެވެ. މިބާރާތުގެ އެންޓްރީ ފީގެ ގޮތުގައި ކޮންމެ ޓީމަކުން 2،000 ރުފިޔާ ނެގޭނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ޑިސެންބަރު 15 އާ ހަމައަށްވަނީ ހުޅުވާލާފައެވެ.