ސްޕެއިންގެ ބާސެލޯނާގައި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ މަގާމް އަދާކުރެވޭނެ ހަމައެކަނި ކުޅުންތެރިއަކީ ކުރިން އެ ކްލަބަށް ކުޅުނު އަދި މިހާރު ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ކަމަށް ރިވާލްޑޯ ބުނެފި އެވެ.

ބާސެލޯނާ އާއެކު ފަސް އަހަރު ހޭދަކުރި ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއާ ރިވާލްޑޯ ބުނީ މެސީ އަބަދަކު ބާސާ އަށް ފުޓްބޯޅަ ނުކުޅޭނެ ކަމަށާއި މެސީ ނެތް ދުވަހަކުން ބާސާގައި އޭނާގެ މަގާމް އެންމެ ފުރިހަމަ ގޮތެއްގައި އަދާކުރެވޭނީ ހަމައެކަނި ނޭމާ އަށް ކަމަށާއި އެ ފެންވަރު ހުރި އެހެން ކުޅުންތެރިއަކު ނުވެސް ނެތް ކަމަށެވެ.

ރިވާލްޑޯ އިތުރަށް ބުނީ ބާސާ ދޫކޮށްލުމަކީ ނޭމާ އަށް ހެދުނު ބޮޑު ގޯހެއް ކަމަށާއި ނަމަވެސް އަދިވެސް އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް ކަމުން އެނބުރި ސްޕެއިން އަށް ގޮސް މެސީ އެ ދައްކަމުންދާ ތަފާތު ކުޅުން އެ ކްލަބުގައި ނޭމާ އަށް ވެސް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މެސީ އަބަދަކު ފުޓްބޯޅަ ނުކުޅޭނެ. މިހާރު ކޮންމެ ހަފުތާއަކުހެން ލަނޑު ޖަހައި ތަފާތު ދައްކައި ހެދިޔަސް މެސީ ނުހުންނަ ދުވަހެއް ވެސް އަންނާނެ. އެ ދުވަހަކުން މެސީގެ މަގާމް ބާސާގައި ނެގޭނެ ފެންވަރު ހުރީ އެންމެ ކުޅުންތެރިއަކު ގައިގަ. އެއީ ނޭމާ. ބާސާ ދޫކޮށްލުމަކީ ނޭމާ އަށް ހެދުނު ވަރަށް ބޮޑު ގޯހެއް. އެކަމަކު އޭނާ އަކީ އަދިވެސް މޮޅު ކުޅުންތެރިއެއް. އެނބުރި ބާސާ އަށް އައިސްފިނަމަ ނޭމާ އަށް މެސީ ދަައްކަމުން އެދާ ތަފާތު ކުޅުން ދެއްކޭނެ،ރިވާލްޑޯ ބުންޏެވެ.

ސްޕެނިޝް ލީގު ތާވަލުގެ އެންމެ ކުރީގައި އޮތް ބާސާ އާއި ރެއާލް މެޑްރިޑްގެ ފޯރިގަދަ ކުރިމަތިލުން މިރޭ ކޭމްޕް ނޫގައި އޮންނަ އިރު މި މެޗާއި ބެހޭގޮތުން ރިވާލްޑޯ ބުނީ ރެއާލާއި ބާސާ އަކީ މިވަގުތު ރަނގަޅަށް ކުޅެމުން އަންނަ ދެ ޓީމު ކަމަށް ވުމުން މިރޭގެ މެޗަށް ވަކި ފޭވަރިޓެއް ނެތް ކަމަށެވެ.

“ ރެއާލާއި ބާސާ އަކީ ވެސް މިވަގުތު ވަރަށް ފޯމް ރަނގަޅު ދެޓީމް. އެހެން ކަމުން ވަކި ޓީމަކީ ފޭވަރިޓުންނޭ ބުނެވޭކަށް ނެތް. ބާސާގައި މެސީ ހުރުމުން އެއީ އެ ކްލަބަށް ލިބޭ އެޑްވަންޓޭޖެއް. އެއީ ދެން އަބަދުވެސް ބާސާ ތަފާތުވާ އެއް ސަބަބު. އޭނާ ހުއްޓުވުމަކީ އުނދަގޫ ކަމެއް. އެކަމަކު ރެއާލުން މެސީ ހިފެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސަތްކަތެއްކުރާނެ. ނުކޮށްފިނަމަ އެންމެނަށް ވެސް އިނގޭ މެސީ ލަނޑު ޖަހާނެ ކަން، “ރިވާލްޑޯ ބުންޏެވެ.

ބާސާ އާއި ރެއާލް މިރޭ ވާދަކުރާ އިރު މިވަގުތު ލަލީގާ ތާވަލުގެ އެއް ވަނަ ބާސާ އަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. މިދެޓީމުން ވެސް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން 35 ޕޮއިންޓް ހަމަކޮށްފަ އެވެ.