އިނގިރޭސި ފުޓްބޯޅައިގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކާޑިފް ސިޓީގެ ކުރީގެ ކުޅުންތެރިއާ ކްރިސް ބާކާ މަރުވެއްޖެ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ކްރިސް ބާކާ މަރުވިކަން ބާކާ ފުޓްބޯޅަ ކުޅުނު އިރު އޭނާ ތަމްސީލުކޮށްދިން އޭޖެންސީ ކަމަށްވާ ވޯލްޑް އިން މޯޝަން އިން ވަނީ ޓްވިޓާ މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ. ބާކާ މަރުވި އިރު އޭނާގެ އުމުރަކީ 39 އަހަރެވެ. ބާކާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި އޭނާ ވަނީ 500 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ.

ބާކާ އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށީ 1992 ވަނަ އަހަރު ޗެމްޕިއަންޝިޕް ޓީމް ބާންސްލޭ އެފްސީ އިންނެވެ. އޭގެ ފަހުން އިންގްލަންޑުގެ ދެ ވަނަ ޑިވިޝަނުގެ ގިނަ ކްލަބުތަކަށް އޭނާ ކުޅުނު އިރު ކެރިއަރު ނިންމާލުމަށްފަހު ބާކާ ވަނީ އިންގްލަންޑުގެ ފަސް ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އަލްޑަޝޮޓް ޓައުންގެ ކޯޗުކަން ވެސް ކޮށްފަ އެވެ.

ޑިފެންޑަރު ޕޮޒިޝަނަށް ކުޅުނު ބާކާ ވަނީ 2004-05 ވަނަ ސީޒަނުގައި ކާޑިފް ސިޓީން ހޮވި އެ ކްލަބުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދައިފަ އެވެ. އެ ކްލަބާއެކު 2002-03 ވަނަ ސީޒަނުގެ ޕްލޭ އޮފް ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަނަށް ޓީމު ކޮލިފައި ކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރުމުގެ އިތުރުން ބާކާ ވަނީ ސައުތެންޑް ޔުނައިޓެޑާއެކު 2013 ވަނަ އަހަރުގެ ފުޓްބޯލް ލީގް ޓްރޮފީ ކާމިޔާބުކޮށްފަ އެވެ.