ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް، ފައިގެ އޮޕެރޭޝަނެއް ކުރަން ޖެހި ދެތިން ހަފުތާ އަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެ އެވެ.

ސުއަރޭޒްގެ ފައިގެ ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޮޕެރޭޝަނެއް ކުރަން ޖެހޭ ކަމަށް އެ ކްލަބުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ އިރު މިއަދުގެ ވަގުތެއްގައި އޮޕެރޭޝަން ކުރިއަށްދާނެ ކަމަށާއި އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ދެތިން ހަފުތާ ނަގާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސާ އެންމެ ފަހުން ކުޅުނު މެޗުގައި ސުއަރޭޒް ކުޅެފައިވަނީ އިންޖެކްޝަނެއް ޖަހައިގެން ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ ކުރިން ވެސް ކަކުކުލުގެ އަނިޔާއަކާއި ހެދި ސުއަރޭޒް އަށް ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ގިނަ މެޗުތަކެއް ގެއްލިފަ އެވެ.

ސުއަރޭޒް އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ހުރިހާ މުބާރާތެއް އެއްކޮށްގެން އޭނާ ވަނީ މުޅިއެކު 17 ލަނޑު މިސީޒަނުގައި ކާމިޔާބުކޮށްފަ އެވެ.

ސުއަރޭޒް ސްކޮޑުން ބާކީވުމަކީ ބާސާ އަށް ކުރިމަތިވާނެ ބޮޑު ނުތަނަވަސްކަމެކެވެ. އިންގްލަންޑުގެ ލިވަޕޫލް އިން ބާސާ އަށް 2014 ވަނަ އަހަރު ބަދަލުވުމަށްފަހު ސުއަރޭޒް އަންނަނީ އެ ކްލަބުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރަމުންނެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމުގެ އިތުރުން ސްޕެނިޝް ލީގް ހަތަރު ފަހަރު ސުއަރޭޒް ވަނީ ކާމިޔާބުކޮށްފަ އެވެ.

އުމުރުން މިހާރު 32 އަހަރުގެ ސުއަރޭޒް މި ސީޒަނަށްފަހު ބާސާ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ވެސް މީޑިއާގައި ފެތުރެމުން އަންނަ އިރު އޭނާގެ ބަދަލުގައި ބާސާ އިން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އިންޓަގެ ލައުޓަރޯ މާޓިނެޒް އާއި ޗެލްސީގެ ޓެމީ އަބްރަހަމްގެ އިތުރުން އާސެނަލްގެ ޕިއެރޭ އެމެރިކް އޮބާމެޔާންގެ ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު