ރޯމާ ބަލިކޮށް އިޓަލީ ލީގުގެ އެއް ވަނަ އަށް ޔުވެންޓަސް ޖެހިލައިފި އެވެ.

ސެރިއާ އޭގައި ރޭ ރޯމާގެ ދަނޑުގައި ކުޅުނު މެޗު ޔުވެންޓަސް ކާމިޔާބުކުރީ 2-1 އިންނެވެ. މި މޮޅާއެކު ޔުވެންޓަސް ތާވަލުގެ އެއް ވަނަ އަށް ޖެހިލީ ދެ ވަނައިގައި މިހާރު އޮތް އިންޓަ މިލާނަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ޔުވެންޓަސް އަށް 19 މެޗުން 48 ޕޮއިންޓް ލިބިފައިވާ އިރު އިންޓަ އަށް ލިބެނީ 19 މެޗުން 46 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ރޯމާ އޮތީ 35 ޕޮއިންޓާއެކު ފަސް ވަނަ މަގާމުގަ އެވެ.

ސްޓޭޑިއޯ އޮލިމްޕިކޯގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޔުވެންޓަސް އެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ޕައުލޯ ދިބާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ މެރިޖް ޑެމިރަލް އެވެ. އޭގެ ފަހުން ދިހަ ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްގެ ލީޑު ފުޅާކުރި އެވެ. މިއީ އޭރިއާ ތެރެއިން ދިބާލާ އަށް ޖޯޑަން ވެރެޓޫޓް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

ރޯމާ އިން ފަރަގު ކުޑަކުރީ ދެ ވަނަ ހާފުގެ 68 ވަނަ މިނެޓުގައި ޑިއޭގޯ ޕެރޯޓީ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އޭރިއާ ތެރެއިން ޔުވެންޓަސްގެ ޑިފެންޑަރު އެލެކްސް ސަންޑްރޯގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ވީއޭއާރުގެ އެހީ ހޯދުމަށްފަހު ރެފްރީ ރޯމާ އަށް ދިން ޕެނަލްޓީ އެކެވެ.

މެޗު ނިމެން އެގާރަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ ދިން ބޯޅައެއްގައި ގޮންޒާލޯ ހިގުއެން ރޯމާގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑެއް ގޮތުގަ އެވެ.

ޔުވެންޓަސް އަށް ދެން ކުރިއަށް އޮތީ ކޮޕާ އިޓާލިއާގައި އަންނަ ބުދަ ދުވަހު އުދިނޭޒީ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު