ދެފަރާތް އެއްބަސްވެ، ކްލަބް ގްރީން ސްޓްރީޓުން ކޯޗް އަލީ ސުޒޭނަށް ރިލީޒް ދީފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކޯޗު ސުޒޭން ގްރީންގެ ކޯޗުކަމާއި ހަވާލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއިރު ކޯޗަކަށް ހުރި ސޮބާހު މުހައްމަދުގެ ބަދަލުގައި ގެނައި ސުޒޭންގެ އިރުޝާދުގެ ދަށުން މިދިޔަ ދެ ސީޒަނުގައި ގްރީން ކުޅުނު އިރު ފުރަތަމަ ސީޒަނުގައި އެޓީމު ނިންމާލީ ދިވެހި ލީގް ތާވަލުގެ ފަސްވަނައިގައި އޮވެއެވެ. އޭގެ ފަހުން ކުރިއަށްމިދާ ސީޒަނުގެ ހަތަރު ވަނަ މަގަމް ގްރީން އަށް މިހާރު ވަނީ ކަށަވަރުވެފައެވެ.

ކުލަބުން މިރޭ ނެރުނު ކުރު ސްޓޭޓްމެންޓްގައި ބުނެފައި ވަނީ ދެ ފަރާތް އެއްބަސްވެ ކޯޗް ސުޒޭންއަށް ރިލީޒް ދިނުމަށް ކުލަބުން ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި ސުޒޭން ގްރީން އަށް ކޮށްދިން ހުރިހާ ކަމަކަށް ކްލަބުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ނަމުގައި އޭނާ އަށް ޝުކުރު އަދާކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސުޒެއިން އޭނާގެ ކޯޗިންގް ކެރިއަރު އެންމެ ފުރަތަމަ ފެށީ ވިކްޓްރީ ސްޕޯޓްސް ކްލަބުންނެވެ. އެ ކްލަބުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސަތްކަތް ފަށައި ފަހުން ހެޑް ކޯޗުގެ މަގާމުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ސުޒޭން ކްލަބާ ވަކިވީ 2012 ވަނަ އަހަރުގައެވެ. ސުޒޭން ވަނީ ވިކްޓްރީ އަށް ދިވެހި ލީގާއި ކަޕް ވިނާސް ކަޕްގެ އިތުރުން ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން އެފްއޭއެމްގައި މަސަތްކަތް ކުރުމަށްފަހު 2014 ވަނަ އެނބުރި ކޯޗިންގް ތެރެއަށް އައިސް ސުޒޭން އެންމެ ފުރަތަމަ އިރުޝާދު ދިނީ މާޒިޔާ އަށެވެ. މާޒިޔާ އަށް ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދިނުމަށްފަހު ގްރީން އަށް ބަދަލު ވުމުގެ ކުރިން ސުޒޭން ވަނީ ވިކްޓްރީ އާއި ގދ. ތިނަދޫ ޓީމުގައި ވެސް މަސަތްކަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާސަރު

    ގްރީން ބައްސާމައް ތާއީދު ކުރުމުން

  2. ހުސްނުވި ސޫދު

    ފެން ވަރާގެން އަންނައްޗޭ.... ފުއްކޮޅެއްވެސް ޖަހައިގެން ތި ތެޔޮކަން ކަނޑުވާލާތި...

    1
    2