ކޮވިޑް-19 އާ ގުޅިގެން އަންނަ ޖޫން މަހު ފެށުމަށް ތާވަލުކޮށްފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް އަންނަ އަހަރަށް ފަސްކޮށްފިއެވެ

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރަން ކޮންމެބޯލް އިން ނިންމީ ޔޫރަޕްގެ ގައުމުތަކުގައި ބާއްވާ ޔޫރޯ ވެސް އަންނަ އަހަރުގެ ޖޫން މަހަށް ފަސްކުރަން ޔުއެފާ އިން ނިންމިތާ މާގިނައިރުތަކެއް ނުވަނީހެވެ.

ކޮޕާ އެމެރިކާ ފަސްކުރަން ނިންމާފައިވަނީ ކޮވިޑް-19 ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން ކަމަށް ކޮންމެބޯލް އިން މައުލޫމާތުދެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުން އަންނައިރު ބަލީގެ އަސަރު މިހާރުވެސް މުޅި ދުނިޔެއިން 188،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮށްފައެވެ. އަދި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 7500 އަށް އަރައިފައެވެ.

ކޮޕާ އެމެރިކާގެ އިތުރުން ދެކުނު އެމެރިކާ ސަރަހައްދުގެ ގިނަ ފުޓްބޯޅަ ލީގުތަކާއި އެ ސަރަހައްދުގެ ކްލަބްތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބަޓަޑޮރެސް ވެސް ވަނީ ހުއްޓާލާފައެވެ.

އެއްވެސް ކޮންޓްރޯލެއް ނެތި ފެތުރެމުންދާ ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް މިހާރު ބަދަލުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ދާދި ފަހުން ހާމަކޮށްފައިވާއިރު މިކަމުގެ ސަބަބުން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ.

ގާތްގަނޑަކަށް ދެ ވަރަކަށް ހަފުތާ އަށް ޔޫރަޕްގެ ހުރިހާ ބޮޑެތި ލީގުތަކެއްހެން ފަސްކޮށްފައިވާއިރު އަލުން ފެށުމަށް ކަނޑައެޅިފައިވާ ތާރީހުގައި ލީގުތައް ފެށުން ނާދިރު ކަމަށް ފުޓްބޯޅަ ދިރާސާކުރާ މާހިރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ސަބަބަކީ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވި ބައްޔަށް ޕޮޒިޓިވްވާ މީހުން ދުވަހެއް ދުވަހަަކަށް އިތުރު ވަމުންދާތީ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ޔުއެފާ އިން ބޭއްވި ކުއްލި ބައްދަލުވުމުގައި ކްލަބުތަކުންނާއި ފުޓްބޯޅަ އެސޯސިއޭޝަންތަކުން ވަނީ މި ސީޒަނުގެ ފުޓްބޯޅަ ލީގުތައް ނިންމުމަށް ފުރުސަތު ދޭން އެދިފައެވެ. އެއީ ލީގު އެއްކޮށް ކެންސަލް ކޮށްފިނަމަ އޭގެ ސަބަބުން އެތައް ކްލަބަކަށް ބިލިއަނުން ގެއްލުންވާނެތީއެވެ. ބެލެވޭ ގޮތުގައި ޔުއެފާ އިން ޔޫރޯ ފަސްކުރަން ނިންމީ ވެސް ލީގުތައް އެއްކޮށް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށެވެ.