އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ދުރުގައި ހުރުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް މެންޗެސްޓާ ޔުނައިޓެޑްގެ ތަރި މާކަސް ރަޝްފޯޑް ތައްޔާރުވެއްޖެ އެވެ.

ރަޝްފޯޑަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހު ޕްރެމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ރަޝްފޯޑުގެ ބުރަކައްޓަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ދެން މިސީޒަނުގައި ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ރަޝްފޯޑް އަންނަނީ ހީކުރިވަރަށްވުރެ އަވަހަށް އެ އިންޖަރީން ރަނގަޅު ވަމުންނެވެ.

ސްކައި ސްޕޯޓްސް އަށް މައުލޫމާތު ދެމުން ރަޝްފޯޑް ބުނީ މި މަހުގެ ކުރީކޮޅާއި އަޅާ ބަލާއިރު އޭނާގެ ހާލު މިހާރު 10 ގުނަ ރަނގަޅު ކަމަށެވެ. އަދި ކޮވިޑް-19 ވައިރަހުން އަރައިގަނެ ކްލަބުގެ ފަރިތަކުރުންތައް ފެށެންވާއިރަށް މުޅިން ފިޓްވެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށާއި އަލުން ކުޅުމުގެ ތެރެއަށް އަންނަން ކެތްމަދުވެފައިވާ ކަމަށެވެ.

"އަހަރެންގެ ހާލު މިހާރު ރަނގަޅު. އަދި ދެ ދުވަހެއްވަރު ފަހުން ސްކޭނެއް ހަދަންވެފައި އެބައިން. އެކަމަކު މީގެ ދެ ހަފުތާ ކުރިއާ އަޅާބަލާއިރު އަހަރެންގެ ހާލު 10 ގުނަ ރަނގަޅު ވެއްޖެ. ވަރަށް ހިތްހަމަޖެހިފަ މިހިރީ. މިހާރު ދެން އޮތީ ވީހާވެސް އަވަހަށް ކުޅުމުގެ ތެރެއަށް އަލުން ދިއުން. ވައިރަސް ކަންތަކުން ސަލާމަތްވެ ކްލަބުގެ ޕްރެކްޓިސް ފެށެންވާއިރަށް މުޅިން ރިކަވާ ވެވޭނެ، " ރަޝްފޯޑް ބުންޏެވެ.

ރަޝްފޯޑަށް އަނިޔާވީ ލީގުގައި މޮޅަށް ކުޅެމުން އަންނަނިކޮށެވެ. އޭނާ ވަނީ މިސީޒަނުގައި މިހާތަނަށް 14 ލީގް ގޯލު ޖަހައި އިތުރު 4 ގޯލު ޖެހުމުގައި އެހީތެރިވެދީފައެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަހާއި ގުޅިގެން އިނގިރޭސިވިލާތް ތިން ހަފުތާ އަށް ފުރަބަންދު (ލޮކްޑައުން) ކޮށްފައިވާއިރު ފުރަބަންދުގެ މުއްދަތުގައި ކޮންމެހެން ނިކުންނަށް ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަން ނިކުންނަ ނަމަ، އެކަމަށް ފިޔަވަޅު އަޅާ، އެމީހަކު ޖޫރިމަނާ ކުރަން އެގައުމުގެ ސަރުކާރުގެ ވަނީ ނިންމައިފައެވެ.

އިނިގިރޭސިވިލާތުގައި ހަލުވިކަމާއި އެކު ވައިރަސް ފެތުރެމުން އަންނައިރު އެ ގައުމުން 12،000 އާއި ގާތް ކުރާ އަދަދަކަށް މީހުން ވަނީ ވަައިރަހަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އަދި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 600 އަށް ވުރެ މަތީގައެވެ. ވައިރަހާ ޕްރެމިއާ ލީގުގެ އިތުރުން އިނގިރޭސި ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ކުޅުން ވަނީ މެދުކަނޑާލާފައެވެ. ރިޕޯޓްތައް ބުނާގޮތުން ވައިރަހުން އަރައިގަނެ އެންމެ އަވަހަށްވެސް ލީގުތައް ފެށޭވަރު ވާނީ އަންނަ މެއި މަހުގެ މެދުތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު