މިނިވަން ޗެމްޕިއަންޝިޕުގެ ގްރޫޕު އޭގައި މިއަދު ނިލަންދޫ އާއި ކުޑަހުވަދޫ ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

މިއަދު ހަވީރު ނިލަންދޫ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ފެށިގެން އައީ ދެޓީމުގެ ވެސް ވާދަވެރިކުޅުމަކާއި އެކުގައެވެ. ނިލަންދޫ އިން ވަނީ މެޗު ފެށިގެން އައި އިރު ގިނަ ހަމަލާތަކެއް ކުޑަހުވަދޫ ގޯލަށް ފޮނުވާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކުޑަހުވަދޫ ޓީމުގެ ފަރާތުން ޕާސިން ގޭމެއް ފެނިގެން ދިޔަ އިރު ނިލަންދޫ ޓީމުން އައީ ކައުންޓާ އެޓޭކު ކުޅުމެއް ކުޅެމުންނެވެ. ދެޓީމުގެ ކުޅުމާއި އެއްވަރަށް ސަޕޯޓަރުންގެ އަޑުވެސް އައީ އިވެމުންނެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ނިލަންދޫގެ ޖާޒީ ނަމްބަރު 21 އާދިލް އަހުމަދު ވަނީ ލަނޑެއް ކާމިޔާބު ކޮށް ނިލަންދޫ ޓީމަށް ކުރި ހޯދައި ދީފައެވެ. މިލަނޑާއި އެކު ނިލަންދޫގެ ސަޕޯޓަރުންގެ އަޑު ވަނީ ގަދަވެފައެވެ.

އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތު ދެއްކި ފަހުން 45 ވަނަ މިނެޓުގައި ކުޑަހުވަދޫ އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު ކުޑަހުވަދޫ އަށް ކާމިޔާބު ކޮށްދީފައި ވަނީ އެޓީމުގެ ޖާޒީ ނަމްބަރު 10 އަހުމަދު ސަބީނެވެ.

ދެވަނަ ހާފުގައި ވެސް ދެޓީމު ވާދަވެރި ކުޅުމެއް ކުޅުނު ނަމަވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކައް ހޮވިފައި ވަނީ ކުޑަހުވަދޫގެ ގޯލު ކާމިޔާބު ކޮށްދިން އާދިލް އަހުމަދެވެ.

ގުރޫޕު އޭގެ އެއް ވަނަ ޓީމެއްގެ ގޮތުގައި އޮތީ 5 ޕޮއިންޓާއި އެކު ނިލަންދޫއެވެ. ނިލަންދޫ ކުޅެފައިވަނީ 3 މެޗެވެ. ގުރޫޕުގެ 2 ވަނައިގައި 4 ޕޮއިންޓައި އެކު ހިތަދޫ އޮތީ 2 މެޗު ކުޅެގެންނެވެ. 3 ވަނަ ޓީމެއްގެ ގޮތުގައި ދ.ކުޑަހުވަދޫ އޮތް އިރު 29 ވަނަ ދުވަހު ހަވީރު ކުޑަހުވަދޫ ބައްދަލު ކުރާނީ ގުރޫޕުގެ ދެވަނައިގައި އޮތް ހިތަދޫ އާއިއެވެ.

29 ވަނަ ދުވަހު ކުޅޭ މެޗުގައި ހިތަދޫ މޮޅު ވެއްޖެ ނަމަ ގުރޫޕުގެ އެއްވަނަ އަނެއްކާވެސް އެޓީމައް ލިބޭނެއެވެ. ނިލަންދޫ ދެން ކުޅޭ މެޗު ކުޅޭނީ މިމަހުގެ 30 ވަނަ ދުވަހު ހޯޑެއްދޫ އާއިއެވެ.