އިނގިރޭސި ފޯވަޑް ޑެނީ ވެލްބެކް، އޭނާގެ މަންމަގެ ގައުމު ކަމަށްވާ ގާނާގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވެދީފިއެވެ.

ގާނާއަށް ވެލްބެކް ދީފައިވާ އެހީއަކީ 10،000 ޔޫރޯގެ ރިލީފް ޕެކޭޖްތަކެކެވެ. އޭނާގެ މަންމަ ނިސްބަތްވާ ހިސާބުގަނޑަށް ދިން އެހީގެ ޕެކޭޖްތަކުގައި ކާނާ އާއި ސެނެޓައިޒާގެ އިތުރުން ސެނިޓަރީ ޕެޑް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އޭގެ އިތުރުން އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަށް ހާއްސަ ވަސީލަތްތައްވެސް ވެލްބެކް ވަނީ ފޮނުވައިފައެވެ.

ގާނާގައި ވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ގައުމުގައި މިހާތަނަށް 600 އާ ގާތްކުރާ އަދަދަކަށް ވަނީ ކޭސްތައް ރިޕޯޓް ކޮށްފައެވެ.

ވެލްބެކްގެ ހަދިޔާ އޭނާގެ މަންމަގެ އަވަށަށް ބަހާފައި ވަނީ އޭނާގެ ބޮޑު ދައިތައެވެ. ބޮޑު ދައިތަ ބުނެފައި ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ވެލްބެކަކީ އަބަދުވެސް ވަރަށް ޚާއްސަ ކުޅުންތެރިއެއް ކަމަށާއި، އެ ސަރަހައްދުގައި ދިރިނޫޅޭ ނަމަވެސް، ވެލްބެކަކީ ހުރިހާ އެންމެންގެވެސް ހާއްސަ ލޯތްބެއް ލިބިފައިވާ ކުޅުންތެރިއެއް ކަމަށެވެ.

އާސެނަލްއާއި މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅެފައިވާ ވެލްބެކަކީ ގާނާއަށް ނިސްބަތްވާ ކުޅުންތެރިއެއް ނަމަވެސް، އޭނާގެ ނޭޝަނާލިޓީއަކީ އިނގިރޭސިިލާތެވެ. އޭނާ އުޅެމުންދަނީވެސް އިނގިރޭސިވިލާތުގައެވެ. އެންމެފަހުން 2017 ވަނަ އަހަރު ވެލްބެކް ގާނާއަށް ގޮސްފައިވާއިރު، އޭނާ ހަރަދުގައި ހިންގާ ސްކޫލެއް އެ ސަރަހައްދުގައި އިމާރާތް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު