ކޮވިޑް-19އާ ގުޅިގެން ޓީސީ ފުޓްބޯޅަ ޓީމުގެ މެމްބަރުން ކަރަންޓީނުކުރި ރ. ފުރަވެރި ރިސޯޓުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށް އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

އޭއެފްސީ ކަޕް މެޗަކަށް ބަންގްލަދޭޝަށް ދިއުމަށްފަހު ޓީސީ ޓީމު އެނބުރި ރާއްޖެ އައީ ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން މި މަހުގެ ފަސް ވަނަ ދުވަހު ހަމަޖެއްސި ހާއްސަ ފްލައިޓެއްގައެވެ. ރާއްޖޭން ބޭރުން އަންނަ އެންމެން 14 ދުވަހުގެ ކަރަންޓީނު ފެސިލިޓީއަކަށް ގެންދަން ދިވެހި ސަރުކާރުން ނިންމާފައިވާތީ ޓީސީ ޓީމު ގެންދިޔައީ ރ. ފުރަވެރި ރިސޯޓަށެވެ. ކަރަންޓީނު މުއްދަތު މި މަހުގެ 19 ވަނަ ދުވަހު ހަމަވެ ޓީމުގެ ހުރިހާ މެމްބަރުން ކޮވިޑް-19 އަށް ޓެސްޓު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ޓީމުގެ 29 މެމްބަރުން ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާކަން ޔަގީން ވުމުން އިއްޔެގެ ވަގުތެއްގައި ޓީސީ ޓީމު ވަނީ މާލެ އައިސްފައެވެ.

ޓީސީ އަށް ކުޅެމުން އަންނަ އިތުބާރު ފޯވަޑް ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކަރަންޓީނުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށެވެ. އަދި ކަރަންޓީނުގައި ހޭދަކުރި ދުވަސްތަކުގައި ފުލުހުންނާއި ސިފައިންގެ ފަރާތުން ލިބުނު އެއްބާރުލުން ދަގަނޑޭ ފާހަގަކުރިއެވެ. މީގެ އިތުރުން ސިއްހީ ޚިދުމަތްތެރީންނާއި ކަރަންޓީނުގެ ކަންކަމުގައި ޝާމިލްވީ ހުރިހާ ފަރާތްތަކަށް ދަގަނޑޭ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޓީސީގެ ކުޅުންތެރިންނާ އޮފިޝަލުން ވަނީ ކަރަންޓީނުގައި ޖުމުލަ 42 ދުވަސް ހޭދަކޮށްފައެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ބަށުންދަރާ ކިންގްސްއާ ވާދަކުރަން ކުރި ދިގު ދަތުރު ނިންމާލުމަށްފަހު ޓީސީ ޓީމަށް ކަނޑައެޅިފައިވާ ތާރީހުގައި އެނބުރި ރާއްޖެ ނާދެވުނީ ލަންކާގައި ތާށިވުމުންނެވެ. ބަންގްލަދޭޝް އިން ކޮވިޑް-19 ފެނި، އެގައުމުން ރާއްޖެ އަށް މީހުން އެތެރެވުން ދިވެހި ސަރުކާރުން މަނާކުރުމުން ޓީސީ ފުޓްބޯޅަ ޓީމު ސީދާ ރާއްޖެ ގެނައުމުގެ ބަދަލުގައި ދިވެހި ސަރުކާރުން ނިންމީ ލަންކާގައި ޓީމް ކަރަންޓީނު ކުރުމަށެވެ. މިދިޔަ މަހުގެ 12 ވަނަ ދުވަހު ޓީސީ ޓީމު ކަރަންޓީނުކުރީ ލަންކާގެ މެރީނޯ ބީޗް ހޮޓަލުގަ އެވެ.

ލަންކާގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު މާޗް 26 ވަނަ ދުވަހު ހަމަވި ނަމަވެސް އޭރު އެގައުމު ފުރަބަންދު ކޮށްފައި އޮތުމުން ޓީސީ ލަންކާގައި ތާށިވި އެވެ. ރާއްޖެ ނާދެވި ޓީސީގެ މެމްބަރުން ލަންކާގައި ތާށިވީ ކަރަންޓީނުގެ މުއްދަތު ހަމަވުމުގެ ކުރިން ވައިރަހާ ހެދި ލަންކާ ފުރަބަންދު ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ

    މާ ބޮޑަށް ތިމާމީހާއަށް ތިމާ ފެނުނީމަ ވީގޮތްއެއީ.. އެކަހަލަ ކުލަބަތަކުގައި ވަކި ގޮތަކަށް އަމަލްތައް ބަހައްޓަން ޖެހޭނީ.. ހިތަށްއެރިހާ ގޮތަކަށްނޫޅެވޭނެ..