އޭނާގެ ކުރިމަގު ބިނާވެފައި އޮތީ ޗެމްޕިއަންސް ލީގުގެ މައްޗަށް ނޫން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލް އަށް މި ސީޒަނުގައި ކާމިޔާބު ކުރެވެން އޮތީ ޗެމްޕިއަންސް ލީގު އެކަނި ކަމަށްވާއިރު ތަށްޓެއް ނުލިބި ސީޒަނެއް ނިންމާލައިފިނަމަ އާއްމުކޮށް ރެއާލް އިން އެޓީމުގެ ކޯޗަކަށް ހުންނަ ފަރާތެއް މަގާމުން ވަކިކުރެއެވެ.

ތަށްޓެއް ނުލިބި މި ސީޒަން ރެއާލް އިން ނިންމާލައިފިނަމަ އެފަދަ ގޮތެއް ޒިދާން އަށް ވެސް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. ޒިދާންގެ ކޯޗުކަމުގެ ދަށުން ރެއާލް އިން ވަނީ މިހާތަނަށް ޖެހިޖެހިގެން ދެ ފަހަރު ޗެމްޕިއަންސް ލީގު އަދި ސްޕެނިޝް ލީގެއް ކާމިޔާބުކޮށްފައެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ރެއާލް އަށް މި ސީޒަނުގައި ލިބިފައިވާއިރު ޒިދާން ބުނީ އޭނާގެ ކުރިމަގު ބިނާވެފައި އޮތީ ޗެމްޕިއަންސް ލީގުގައި ވާގޮތެއްގެ މައްޗަށް ނޫން ކަމަށާއި ބޭނުންވަނީ ރެއާލްގެ ކޯޗުކަމުގެ މަގާމުގައި ދެމި ހުންނަން ކަމަށެވެ.

"އަހަންނަކީ މިވަގުތު ރެއާލްގެ ކޯޗު. އަދި އަހަރެން ބޭނުންވަނީ މި ކްލަބާ އެކު ކުރިއަށްދާން. އެކަމަކު މިއީ މިވަގުތަށް އެހާ މުހިއްމު ކަމެއް ނޫން" ޒިދާން ބުންޏެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމަށް ރެއާލް އިން އަމާޒު ހިފާފައިވާއިރު މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރެއާލް އިން މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށް ނިކުންނާނެއެވެ. މި ދެ ޓީމު ބަޔާންގެ ދަނޑުގައި ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބުކުރީ ރެއާލް އިންނެވެ.

މިރޭގެ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ޒިދާން ބުނީ ފުރަތަމަ ލެގުގައި ލީޑެއް ލިބިފައި އޮތް ނަމަވެސް ތަފާތު ގޮތަކަށް ކުޅެން މިރޭ މަސައްކަތް ނުކުރާނެ ކަމަށާއި ރެއާލް އިން މިރޭ ވެސް ނިކުންނާނީ މޮޅެއް ހޯދަން ކަމަށެވެ.

"މިރޭ ވެސް މި ނިކުންނަނީ މޮޅެއް ހޯދަން. އެއީ އަހަރުމެންގެ އަމާޒަކީ. ލީޑު ދަމަހައްޓަން ޑިފެންސްކޮށް ތަފާތު ގޮތްގޮތަށް ކުޅުމުގެ ވިސްނުމެއް ނެތް. މިރޭގެ މެޗުގެ ކުރީކޮޅު ގޯލެއް ޖެހުން ވަރަށް މުހިއްމު" ޒިދާން ބުންޏެވެ.

މުހިއްމު މެޗަކަށް ރެއާލް އިން މިރޭ ނިކުންނައިރު އަނިޔާގެ ސަބަބުން ރެއާލްގެ ޑިފެންޑަރު ޑެނީ ކަވަހާލް އާއި އިތުބާރު މިޑްފީލްޑަރު އިސްކޯ އަށް މި މެޗުގައި ނުކުޅެވޭނެއެވެ.

ރެއާލްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11:45 ގައެވެ.