"އެފް.އެފް.އެޗް.ސީ ހެލްތު ޕްރޮމޯޝަން ކަޕް 2018" ގެ ނަމުގައި ފ.އަތޮޅު ފީއަލީގެ ސިއްޙީ މަރުކަޒުގެ ފަރާތުން އެ ރަށުގެ ޒުވާން ފިރިހެނުންނަށް އަމާޒުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފީއަލީ ސިއްހީ މަރުކަޒުން ލިބޭނެއިރު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހަމައެކަނި ފީއަލި ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް މި ފަދަ މުބާރާތެއް އެ ރަށުގެ ސިއްހީ މަރުކަޒުގެ ފަރާތުން ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ސިއްޙީ މަރުކަޒުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސާރ އަހްމަދު މައުރޫފް ވިދާޅުވީ މި ވޮލީބޯޅަ މުބާރާތުގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު ކުޅުމުގެ ދާއިރާއިން ދުޅަހެޔޮ ސިއްހަތެއްގެ ވެރި މުޖުތަމައުއެއް ބިނާ ކުރުމާއި ރަނގަޅު މެސެޖްތަކެއް ޒުވާނުންނަށް ދިނުން ކަމަށެވެ.

"މެއި 25 އިން ފެށިގެން މި މުބާރާތް ކުރިއަށްދާނީ. އެކަމަކު މުބާރާތުގަ ބައިވެރިވާ ޓީމުތަކުގެ އަދަދު އެނގުނީމަ މުބާރާތް ނިމޭ ތާރީޚް ކަނޑައެޅިގެން ބުނަން އެނގޭނީ. ދެން 25 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު މުބާރާތް ކުރިއަށް ދާނީ." މައުރޫފް ވިދާޅުވިއެވެ.

ޗެމްޕިއަން ޓީމަށް 2000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 1000 ރުފިޔާ އިނާމެއްގެ ގޮތުގައި ދިނުމަށް ނިންމާފައިވާ މި މުބާރާތުގައި ކޮންމެ ޓީމެއްގައި ބައިވެރި ކުރެވެނީ ފަސް ކުޅުންތެރިންނެވެ. އަދި ގިނަ ވެގެން ބައިވެރި ކުރެވޭނީ ހަ ކުޅުންތެރިންނާއި ދެ އޮފިޝަލުން ކަމަށްވެސް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

"އަޅުގަނޑުމެން ރަށަކީ ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައިވެސް ވޮލީއަށް ވަރަށް ބޮޑު ލޯތްބެއް އުފެދިފައިވާ ރަށެއް. އަދި ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި އިންޓަރ ސްކޫލް މައިލޯ ވޮލީކަޕާއި ނޭޝަނަލް ވޮލީ ޓީމުން ވެސް ރަށުގެ ޒުވާނުންނަށް ފުރުސަތު ލިބިފަ ވަނީ. އެހެންވެ، މި މުބާރާތުގައިވެސް ރަނގަޅު ޓީމު ތަކަކުން ބައިވެރިވެ ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް އުންމީދު ކުރެވެނީ. އަދި ކޮންމެ އަހަރަކުވެސް ކުޑައީދުގަ އޮންނަ މުބާރާތަށް ތައްޔާރުވުމަށްޓަކައި ލިބިގެން ދާނެ ފުރުސަތެއް މިއީ" އޭނާ އިތުރަށް ވިދާޅުވިއެވެ.

މުބާރާތަށް ލިބޭ ތަރުހީބަށް ބަލާ، އަންނަ އަހަރުވެސް މި މުބާރަތް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާލެ

    ތިއަށްވުރެއް އަގުބޮޑުކޮށް އިނާމް ދޭކަށް ނޭންގުނުދޯ