އިނގިރޭސިވިލާތުގެ ލިވަޕޫލްއަށް ކުޅެމުން އަންނަ މުހައްމަދު ސަލާހް އޭނާގެ އުފަން އަވަށް ކަމުގައިވާ މިސްރުގެ ނާޖިރިގް ގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް ބޮޑު ހޭދައެއްކޮށްފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުން ސަލާހް ވަނީ އޭނާގެ އުފަން އަވަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ހަރުދަނާ ކުރުމަށް ބޭނުންވާ ފެކްޓަރީ ގާއިމް ކުރުމަށް ބިމެއް ގަނެފައެވެ. އަދި ބިމާއި އެކު ފެކްޓަރީ ހަދަން 450،000 އެމެރިކާ ޑޮލަރު ބޭނުންވާއިރު އެފައިސާ ސަލާހް މިހާރު ވަނީ އެ ކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދީފައެވެ.

ސަލާހްގެ މާލީ އެހީތެރިކަމުގައި ނާޖިރިގްގައި ފެނާއި ނަރުދަމާގެ ނިޒާމު ހަރުދަނާ ކުރުމަށް ފެކްޓަރީއެއް ގާއިމް ކުރުމުން އެ އަވަށުގެ އެތަށް ބަޔަކަށް ސާފު ފެނުގެ ހިދުމަތް ލިބިގެންދާނެއެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި މިހާރު އެންމެ ބާރަށް ފިޔަޖަހަމުންދާ ސަލާހް އަކީ މީގެ ކުރިންވެސް ދީލަތި އެހީތަކެއް އެތަކެއް ފަރާތްތަކަށް ވެދީފައިވާ ނަމޫނާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އެތައް ސަތޭކަ ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ނޫނަސް އެތައް އެހީތެރިކަމެއް ސަލާހް ވަނީ އިންސާނިއްޔަތަށް ފޯރުކޮށްދީފައެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއަކީ ސަލާހުއެވެ. ސަލާހް ވަނީ ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންދިޔުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުލޫ

    އަލްޙަމްދުލިﷲ...ބޭނުންޖެހިފަވާ މީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި ތިދައްކާ ރީތި ނަމޫނާއަށް ސާބަސްދެން.މާތްﷲ ތިބާގެ މުދަލުގަޔާއި މަސައްކަތުގަ ބަރަކާތް ލައްވާށި...