އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަދި އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް އެނބުރި އައިސް ޓީމްގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފިއެވެ.

އުމުރުން 26 އަހަރުގެ ޕޮގްބާ ކުޅުމާ ދުރަށް ދިޔައީ މިދިޔަ ޖެނުއަރީ މަހު ކުރި އޮޕަރޭޝަނަކަށް ފަހު އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަހުކޮޅު ފައިގެ ކުޑަހުޅަށް ލިބުނު ހާނިއްކައެއްގެ ސަބަބުން ނުކުޅެ ހުރުމަށް ފަހު ޑިސެމްބަރު މަހު ޕޮގްބާ އެނބުރި އައިސް ކޮންމެވެސް ވަރަކަށް ކުޅުނު ނަމަވެސް ދެވަނަ ފަހަރަށް އޭނާގެ ހާލަތު ގޯސްވީއެވެ.

އޭގެ ފަހުން ކުޑަހުޅުގެ އަނިޔާއަށް ދާއިމީ ފަރުވާ އެއް ހޯދުމަށް ޖެނުއަރީ މަހު އޮޕަރޭޝަނެއް ކުރަން ޖެހުމުގެ ސަބަބުން މި ސީޒަނުގެ ބޮޑުބައެއް ޕޮގްބާ އަށް ވަނީ ގެއްލިފައެވެ. ޔުނައިޓެޑް ޖާޒީގައި އޭނާ މިސީޒަނުގައި ފެނިފައިވަނީ އެންމެ 8 މެޗުންނެވެ. ކޮރޯނާވައިރަހުގެ ވަބާ އަށްފަހު ފުޓްބޯޅަ ސީޒަން މި މަހު އަލުން ފަށާއިރު، އަނިޔާއިން މުޅިން ރަނގަޅު ވުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ކެތްމަދުވެފައިވާ ކަމަށް ޕޮގްބާ ވަނީ ދާދިފަހުން ބުނެފައެވެ.

ޕޮގްބާގެ ހާލަތު މިހެން ހުރިއިރު، ތަފާތު މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް އަނިޔާވީ ޖެނުއަރީ މަހު އިނގިރޭސި އެފްއޭ ކަޕްގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ބުރަކަށްޓަށް ލިބުނު އަނިޔާއިން ރަނގަޅުވެ ހަ ހަފްތާ އަށް ފަހު އޭނާ އަށް އަލުން ކުޅެވޭނެވަރު ވާނެކަމަށް ބެލެވުނަސް ރެޝްފޯޑުގެ ހާލަތު އިތުރަށް ގޯސްވީއެވެ. އެއާއެކު އޭނާ އަށް ސީޒަން ނިމި މި މަހުން ފަށަން ކުރިން ތާވަލުކޮށްފައި އޮތް ޔޫރޯ ވެސް ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ބެލެވުނެވެ.

އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން ރަޝްފޯޑް އަދި ޕޮގްބާގެ ހާލުވެސް މިހާރު ރަނގަޅެވެ. މި ދެ ކުޅުންތެރިންވެސް ވަނީ މިދިޔަ ހަފްތާ ބަންދުގައި ކުރިއަށްދިޔަ ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

ކޮރޯނާ ވައިރަހާ ހެދި މިދިޔަ މާޗް މަހު މެދުކަނޑާލި ޕްރިމިއާ ލީގް މި މަހުގެ 17 ވަނަ ދުވަހު އަލުން ފަށާއިރު ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗްގައި އެޓީމް ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. ޔުނައިޓެޑް އޮތީ 45 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު