އެލްކްލެސިކޯގައި އިނިއެސްޓާ ލީ ޖާޒީ ވަރުަގަދަ މެސެޖަކާއި އެކު ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ހަދިޔާކޮށްފިއެވެ.

ޖާޒީއާއި އެކު އިނިއެސްޓާ ވަނީ އޭނާ ސޮއިކޮށް ކުޑަ ލިޔުން ކޮޅެއް ލިޔެފައެވެ. ޖާޒީގެ ފަހަތުގައި ވާ ލިޔުމުގައި އިނިއެސްޓާ ބުނެފައިވަނީ އަބަދުވެސް ރާމޯސްއަށް ކާމިޔާބީއަށް އެދޭކަމުގައެވެ.

"ތީ އަހަރެންގެ ޓީމްމޭޓެއް. ހަމަ އެހެންމެ އަހަންނާއި ދެކޮޅަށް ކުޅޭ އަހަރެންގެ ރައިވަލްއެއް. ވަރަށް ގިނަ އަދި ހަނދާނުން ފޮހެލަން އުނދަގޫ އެތަށް ވަގުތުތަކެއް އެކުގައި ހޭދަކުރެވިއްޖެ، އަހަންނާއި އެކުގައި ހޭދަކުރި ވަގުތުތަކަށް ޝުކުރު އަދާކުރަން، އަހަަރެން އަބަދުވެސް އެދެނީ ރާމޯސްއަށް ކާމިޔާބީ ލިބުން" އިނިއެސްޓާނެ މެސެޖުގައިވެއެވެ.

ބާސެލޯނާގެ ކެޕްޓަން އަންދުރެސް އިނިއެސްޓާގެ އެންމެ ފަހު އެލްކްލެސިކޯގައި ބާސެލޯނާއާއި އެންމެ ވާދަވެރި ކުަލަބު ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް އަސަރުގަދަ މެސެޖެއް ދީފައިވާއިރު އެ ދެކުޅުންތެރިންނަކީ އެއް ގައުމަކަށް ނިސްބަތްވާ ދެކުޅުންތެރިންނެވެ.

އިނިއެސްޓާ ރާމޯސްއަށް ހަދިޔާކުރި ޖާޒީ އާއި އެކު ނަގާފައިވާ ފޮޓޯއެއް ރާމޯސްގެ އިންސްޓްރގްރާމް އެކައުންޓްގައި ހިއްސާކޮށްފައިވާއިރު އެ ފޮޓޯއާއި އެކު ރާމޯސް ވަނީ އިނިއެސްޓާއަށް ޝުކުރު އަދާކޮށްފައެވެ.

އެގޮތުން ޕޯސްޓާއި އެކު ރާމޯސް ބުނެފައިވަނީ އެންމެ ފަހުން ކުޅެވުނު އެލްކްލެސިކޯ އަކީ އިނިއެސްޓާގެ ކްލެސިކޯއެއް ކަމަށެވެ. އަދި އިނިއެސްޓާ މަތިން ވަރަށް ހަނދާންވާނެ ކަމަށްވެސް ރާމޯސް ބުނެފައިވެއެވެ.

މިމަހުގެ 6 ވަނަ ދުވަހު ކުޅެވުނު އެލްކްލެސިކޯ ނިމުނީ 2-2 ގެ ނަތީޖާއަކުން ރެއާލް އާއި ބާސެލޯނާ އެއްވަރުވެގެންނެވެ.