ރެލިގޭޓް ވުމުގެ ބިރު ކުރިމަތިވެފައިވާ ބޯންމައުތު އަތުން ބޮޑު މޮޅެއް ހޯދައި މެންޗެސްޓަ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއަ ލީގް ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލައިފިއެވެ.

އޯލްޑް ޓްރަފޯޑުގައި މިރޭ ކުޅުނު މެޗް ޔުނައިޓެޑުން ކާމިޔާބުކުރީ 5-2 އިންނެވެ. މިއީ ހުރިހާ މުބާރާތެއް އެއްކޮށްގެން ޔުނައިޓެޑުން ބަލިނުވެ ހަމަކުރި 16 ވަނަ މެޗެވެ. މިރޭގެ މޮޅާއެކު ޔުނައިޓެޑް ގަދަ ހަތަރަކަށް އެރީ 33 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރުވަނައިގައި އޮތް ޗެލްސީ ވަނީ ފަސް ވަނަ އަށް ވެއްޓިފައެވެ. އެހެންނަމަވެސް ލީގުގައި ވަޓްފޯޑްއާ ދެކޮޅަށް ކުޅޭ މެޗުން ޗެލްސީ މޮޅުވެއްޖެނަމަ އެޓީމަށް އަލުން ހަތަރު ވަނަ ލިބޭނެއެވެ. ޗެލްސީ އަށް 32 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.

މިރޭ ޔުނައިޓެޑާ ބޯންމައުތް ބައްދަލުކުރި މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ބޯންމައުތުންނެވެ. މެޗްގެ 15 ވަނަ މިނެޓުގައި އެޓީމަށް ލީޑް ނަގައިދިނީ ޖޫނިއަ ސްޓަނިސްލަސް އެވެ. ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ 29 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސްގެ އެހީތެރިކަމާއެކު ޒުވާން ފޯވަޑް މޭސަން ގްރީންވުޑް ޖެހި ގޯލުންނެވެ.

ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ދެ ގޯލް ޖަހައި ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ. 35 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ މާކަސް ރަޝްފޯޑެވެ. އޭރިއާ ތެރެއިން ބޯންމައުތުގެ އެޑަމް ސްމިތް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ޔުނައިޓެޑަށް ދިން ޕެނަލްޓީގައި ރަޝްފޯޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ޔުނައިޓެޑްގް ލީޑް ފުޅާކޮށްދިން ގޯލް އެންތޮނީ މާޝަލް ޖެހީ އަނެއްކާވެސް ހުނަރުވެރި ޕްލޭމޭކަރު ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗްގެ ދެވަނަ ހާފް ފަށައިގެން ހަތަރުވަނަ މިނެޓުގައި ޔުނައިޓެޑްގެ އޭރިއާ ތެރެއިން އެޓީމްގެ އެރިކް ބައިލީ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ބޯންމައުތަށް ދިން ޕެނަލްޓީ ކާމިޔާބުކޮށްގެން ކެޕްޓަން ޖޯޝުއާ ކިންގް ފަރަގު ކުޑަ ކުރި ނަމަވެސް އޭގެ ހަ މިނެޓް ފަހުން ގްރީންވުޑް ވަނީ ޔުނައިޓެޑްގެ ލީޑް އަނެއްކާވެސް ދެ ގޯލަށް ބަދަލުކޮށްފައެވެ.

ޔުނައިޓެޑްގެ ފަސްވަނަ ގޯލް 59 ވަނަ މިނެޓުގައި ޖެހީ މެޗްގައި މޮޅު ކުޅުމެއް ދެއްކި ފެނާންޑޭސް އެވެ. މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުނު ފަހުން 24 އަހަރުގެ މިޑްފީލްޑަރު އެޓީމަށް ކުޅެދިން 10 ލީގް މެޗުގައި ވަނީ 6 ގޯލް ޖަހައި އިތުރު 5 ގޯލް ޖެހުމުގައި އެހީތެރިވެދީފައެވެ.

މިރޭގެ މޮޅަކީ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސަތްކަތުގައި ކުރިއަށް އެޅި މުހިއްމު ފިޔަވަޅެކެވެ. ލީގުގައި ގިނަ ޓީމުތަކަށް ބާކީ ފަސް މެޗް އޮތްއިރު ގަދަ ހަތަރެއްގެ ރޭހުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ލީގުގެ ހަތަރުވަނަ އަށް ފަސް ޓީމަކުން ވާދަކުރަމުން އަންނައިރު ސީޒަނުގެ މުހިއްމު ހިސާބުން ޔުނައިޓެޑުގެ ނަތީޖާތައް ރަނގަޅުވެގެން ދިއުމަކީ އެޓީމްގެ ކޯޗު ސޯލްޝެއާ އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.

ޔުނައިޓެޑަށް ދެން ކުރިއަށް އޮތީ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު ކުޅެން އޮތް މެޗެވެ. ވިލާ އަކީ ވެސް ރެލިގޭޝަނާ ހަނގުރާމަ ކުރަމުން އަންނަ ޓީމެކެވެ. އެޓީމް މިވަގުތު އޮތީ 27 ޕޮއިންޓާއެކު 18 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު