މެންޗެސްޓަ ޔުނައިޓެޑަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް މޭސަން ގްރީންވުޑް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ގްރީންވުޑްގެ ކޮންޓްރެކްޓް އާ ކުރަން ޔުނައިޓެޑުން ނިންމާފައިވާއިރު އެ ކްލަބާއެކު ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި އޭނާ ސޮއިކުރިތާ އަދި 10 މަސް ވެސް ނުވެއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޔުނައިޓެޑުން ހުށަހެޅި ކޮންޓްރެކްޓާއެކު ގްރީންވުޑް އަށް މިހާރު ހަފުތާއަކު 25000 ޕައުންޑް ލިބެއެވެ.

މި ސީޒަނުގައި ގްރީންވުޑް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އާ އެއްބަސްވުމާއެކު ޔުނައިޓެޑުން އޭނާގެ މުސާރަ ދެ ގުނައަށް ބޮޑު ކުރާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން އާ އެއްބަސްވުމާއެކު 18 އަހަރުގެ ގްރީންވުޑަށް ހަފުތާއެއްގެ މައްޗަށް 40،000 ޕައުންޑުގެ މުސާރައެއް ލިބޭނެ އެވެ.

ގްރީންވުޑް ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް މިހާތަނަށް 16 ގޯލް ކާމިޔާބުކޮށްދީފައެވެ. އޭނާ އަކީ ޖޯޖް ބެސްޓާއި، ވޭން ރޫނީ އަދި ބްރައިން ކިޑް އަށްފަހު ޓީން އޭޖުގައި ޔުނައިޓެޑަށް 16 ގޯލް ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އެވެ.

ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ ވަނީ ގްރީންވުޑް އަށް ތައުރީފްކޮށް ވަރަށް ގިނަ ފަހަރު ވާހަކަ ދައްކައިފައެވެ. ސޯލްޝެއާ ބުނީ އޭނާގެ ޕްލޭނުގައި ޓީމުގެ ޒުވާން ތަރިންނަށް ޖާގަ ގެއްލޭނެ ގޮތެއް ނުހަދާނެ ކަމަށާއި އެ ކުޅުންތެރިން ކުރިއަރައިގެންދާން އޮތް ފުރުސަތު ކްލަބްގެ ތެރެއިން ދޭނެ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ޔުނައިޓެޑްގެ ސީނިއާ ސްކޮޑުން ޖާގަ ހޯދި ގްރީންވުޑްގެ ސީނިއާ ފުރަތަމަ ސީޒަނުގައި މާ ގިނަ މެޗުތަކުގައި ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، މިހާރު އޭނާ އަކީ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ކުޅުންތެރިޔެކެވެ.

ކިޔުންތެރިންގެ ހިޔާލު