ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލު ކާމިޔާބުކުރާ ކުޅުންތެރިއަކަށްދޭ ރަންބޫޓު ލިވަޕޫލްގެ މިސްރުގެ ވިންގާ މުހައްމަދު ސަލާހު އަށް ލިބިއްޖެއެވެ.

ސަލާހު ރަންބޫޓު ހޯދީ ލީގުގައި ކާމިޔާބުކުރި 32 ގޯލާއެކުއެވެ. ސަލާހު އާއި ރަންބޫޓަށް މިފަހަރު އެންމެ ކައިރިން ވާދަކުރީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއެވެ. ކޭން އަށް ލީގުގައި މިފަހަރު ކާމިޔާބުކުރެވުނީ 30 ގޯލެވެ. ކޭން އަކީ ފާއިތުވި ދެ ސީޒަނުގައި ވެސް ރަންބޫޓު ގެންދިޔަ ކުޅުންތެރިއާއެވެ.

ޕްރިމިއާ ލީގުގައި ތިންވަނަ އަށް މިފަހަރު ގޯލު ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯއެވެ. އަގުއެރޯ ވަނީ 21 ގޯލު މިފަހަރު ކާމިޔާބުކޮށްފައެވެ.

ރަންބޫޓު ސަލާހު ކާމިޔާބުކުރިއިރު މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ލިބުނީ އޭނާ އަށެވެ.

މީގެއިތުރުން ސަލާހު އަށް ވަނީ ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އިންގްލޭންޑްގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައެވެ.

ސަލާހު ވަނީ މި ސީޒަނުގައި ލިވަޕޫލްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ސަލާހު ވަނީ މި ސީޒަނުގައި ލިވަޕޫލް އަށް ކުޅެދިން 51 މެޗުގައި 44 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގައި ވެސް ސަލާހުގެ ދައުރު ބޮޑެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މި މަހުގެ 26 ވަނަ ދުވަހުގެރޭ ލިވަޕޫލް އިން ނިކުންނާނީ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.