އިނގިރޭސި ވިލާތުގެ ލީގު މެނޭޖާސް އެސޯސިއޭޝަން (އެލްއެމްއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗަކަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ހޮވިއްޖެއެވެ.

މި އެވޯޑަށް ގާޑިޔޯލާއާ ވާދަކުރީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި ބާންލީގެ ކޯޗު ޝޯން ޑައިޗް އާއި އިނގިރޭސި ދެވަނަ ޑިވިޝަން ޗެމްޕިއަންޝިޕްގައި ވާދަކުރި ވުލްވްސްގެ ކޯޗު ނޫނޯ ސަންޓޯ އާއި އިނގިރޭސި ދެވަނަ ޑިވިޝަން ޗެމްޕިއަންޝިޕްގައި ވާދަކުރި ކާޑިފް ސިޓީގެ ކޯޗު ނީލް ވާނޮކްގެ އިތުރުން އިނގިރޭސީ ލީގު ވަންގައި ވާދަކުރަމުން އަންނަ އެކްރިންގްޓަންގެ ސްޓޭންލީގެ ކޯޗު ޖޯން ކޯލްމަންއެވެ.

މި އެވޯޑު ގާޑިޔޯލާ އަށް ލިބުނުއިރު މި ސީޒަނުގައި ސިޓީން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ސިޓީން ވަނީ އިނގިރޭސި ލީގު ކަޕް ވެސް މިފަހަރު ކާމިޔާބުކޮށްފައެވެ.

އެވޯޑު ކާމިޔާބުކުރުމަށްފަހު ގާޑިޔޯލާ ބުނީ މި ސީޒަނުގައި ސިޓީން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ގިނަ ރެކޯޑުތަކެއް މިފަހަރު ގާއިމު ކުރެވުނީ ސީޒަނުގެ ބޮޑު ބައެއްގައި އެއް ފެންވަރެއްގައި ދެއްކުނު ކުޅުމުގެ ސަބަބުން ކަމަށެވެ.

އަދި އަންނަ ސީޒަނުގައި ލީގު ދިފާއުކުރުމަށް ސިޓީން ނިކުންނައިރު އެއީ އެ ކްލަބަށް އޮތް ވަރަށް ބޮޑު ޗެލެންޖެއްކަން ވެސް ގާޑިޔޯލާ ފާހަގަކުރިއެވެ.

"ފާއިތުވި 10 އަހަރު ޕްރިމިއާ ލީގު ޖެހިޖެހިގެން ދެ ފަހަރު އެއްވެސް ކްލަބަކަށް ނެތް ކާމިޔާބު ކުރެވިފައެއް. އެހެންވީމަ އެއީ ބޮޑު ޗެލެންޖެއް" ގާޑިޔޯލާ ބުންޏެވެ.

ސިޓީން މިފަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރީ ގިނަ ރެކޯޑުތަކެއް ވެސް މުގުރާލުމަށްފަހުއެވެ. ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދި ޓީމުގެ ރެކޯޑާއި އެންމެ ގިނަ މޮޅު އަދި އެންމެ ގިނަ ގޯލު ޖެހި ޓީމުގެ ރެކޯޑު ސިޓީން ވަނީ މުގުރާލާފައެވެ.

މި ތިން ރެކޯޑަކީ ވެސް މީގެކުރިން ޗެލްސީގެ އަތުގައި އޮތް ތިން ރެކޯޑުކަން ފާހަގަކޮށްލެވެއެވެ.