ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އޮންލައިން ދުވުމުގެ އިވެންޓް ލޯންޗު ކުރަން ނިންމައިފިއެވެ.

ރަން ފޯ މޯލްޑިވްސް ގެ ނަމުގައި ބާއްވާ މި ދުވުމަކީ ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި އުޅޭ މަސައްކަތްތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ ދުވުމެކެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު 20 ސެޕްޓެމްބަރުގެ ނިޔަލަށް އޮންނާނެއެވެ.

ސެޕްޓެމްބަރު 27 ވާ ދުނިޔޭގެ ޓޫރިޒަމް ދުވަހު އިވެންޓް ފެށިގެންދާއިރު މި އިވެންޓް ވަނީ ހަތަރު ކެޓަގަރީ އަކަށް ބަހާލެވިފައެވެ.

އެގޮތުން 5.5 ކިލޯމީޓަރުގެ ދުވުން ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހަށް ހާއްސަ ކުރެވިފައި ވާއިރު 16 ކިލޯމީޓަރު އަދި 21 ކިލޯ މީޓަރުގެ ދުވުން ހިމެނިފައި ވެއެވެ. އަދި މީގެ އިތުުރަށް 870 ކިލޯ މީޓަރުގެ ގްރޫޕް ދުވުމެއް ހިމެނިފައި ވާއިރު މި ކެޓަގަރީގައި ޓީމެއްގައި އެންމެ ގިނަވެގެން ބައިވެރި ވެވޭނީ ފަސް މެމްބަރުންނަށެވެ. އަދި މި ދުވުން ފުރިހަމަ ކުރަން ޖެހޭނީ ކަޑައެޅިފައިވާ ވަގުތެއްގެ ތެރޭގައެވެ.

11 ނޮވެމްބަރުގެ ގައި މި އިވެންޓް ނިމިގެން ދާއިރު މި ގަޑިއަށް ހުރިހާ ދުވުންތަށް ނިންމަަން ޖެހޭނެއެވެ. އަދި ދުވުން ނިމުމުން ނަތީޖާ ވެބްސައިޓް ގައި އާންމުކޮށް ހުރިހާ ބައިވެރިންނަށް މެޑަލް ޕޯސްޓުގެ ގޮތުގައި ފޮނުވަދޭނެއެވެ.

މި އިވެންޓް ދުނިޔޭގެ ހުރިހާ ހިސާބަކަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ވަނީ އެމްއެމްޕީއާރުސީ، އެމްއޯޓީ އަދި އެކި ގައުމުތަކުގައި ހުރި ރާއްޖޭގެ ހުރިހާ ހައި ކޮމިޝަން ތަކާއި ޕާޓްނާޝިޕް ހަދާފައެވެ. ރާއްޖެ މަންޒިލެއް ކަމުގައި ބުނެ މި އިވެންޓް ޕްރޮމޯޓް ކުރުމަށް ނިންމާފައި ވާއިރު ލަކީ ޑްރޯއެއްގައި ހޮވޭ 20 ބައިވެރިންނަށް ރާއްޖޭގެ ރިސޯޓެއްގައި ހިލޭ ހުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ރަޖިސްޓްރޭޝަން ފީގެ ވަކި ޕަސެންޓޭޖެެއް މޯލްޑިވްސް ރެޑް ކްރޮސް އަދި މޯލްޑިވްސް ޓެލެސީމިއާ ކޯޕްރޭޝަަނަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.