ލާޔާ ސްޕޯޓްސް އެކަޑަމީ އިން އިންތިޒާމު ކޮށްގެން ގދ. ގައްދޫގައި ފުރަތަމަ ފަހަރަށް ބޭއްވި ހޭންޑް ބޯޅަ މުބާރާތުގައި ހަ ޓީމުން ބައިވެރިވެ ވާދަވެރި މެޗުތަކަކަށް ފަހު މިދިޔަ ބުދަ ދުވަހު ކާމިޔާބު ކަމާއެކު މުބާރާތް ނިންމާލައިފިއެވެ.

ލާޔާ ސްޕޯޓްސް އެކަޑަމީއަކީ ގދ. އަތޮޅުގައި ކުޅިވަރު ޝަހްސިއްޔަތުތައް ބިނާ ކުރުމަށް ވަރަަށް ގިނަ ހަރަކާތްތައް އެކުލަވާލައި ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. ގައްދޫގައި ބޭއްވި މުބާރާތަކީ ވެސް އަންހެނުން ބާރުވެރި ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

ގައްދޫގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯޅަ މުބާރާތުގައި ހަ ޓީމަކުން ބައިވެރިވިއެވެ. އެއީ ސެވަން ސްޓާގެ އިތުރުން ފަސްޓް ވޭވް އާއި، ކުރަނގި އާއި، ބޯލް ބަސްޓާސް އާއި، ފޯޓީ ޕްލަސް އާއި، ވަނާޗިކައެވެ.

މުބާރާތުގެ ފައިނަލްއަށް ދަތުރު ކުރީ ސެވަން ސްޓާގެ އިތުރުން ފަސްޓް ވޭވްއެވެ. މިދިޔަ ބުދަ ދުވަހު ހަވީރު ބޭއްވި އެ މެޗުގެ ޗެމްޕިއަންކަން ސެވަން ސްޓާ އިން ހޯދީ 5-4 ގެ ނަތީޖާ އަކުން އެ މެޗު ކަމިޔާބު ކޮށްގެންނެވެ.

ލަޔާ އެކަޑަމީގެ ގައްދޫ އަންހެނުންގެ ހޭންޑް ބޯލް މުބާރާތުގައި ހަރަކާތްތެރިވި އޮފިޝަލުން - ފޮޓޯ: ލާޔާ އެކަޑަމީ

 

މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ވެސް އިނާމުގެ ގޮތުގައި ފައިސާއާ ޓްރޮޮފީ ދީފައިވެއެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން ވެސް ކަނޑައެޅިއެވެ. އެއީ ޗެމްޕިއަން ސެވަން ސްޓާގެ ދެ ކުޅުންތެރިންނާއި ރަނަރަޕް ފަސްޓް ވޭވްގެ ހަތަރު ކުޅުންތެރިންނާއި ބޯލް ބަސްޓާގެ ކުޅުންތެރިއެކެވެ.

ލަޔާ އެކަޑަމީގެ ގައްދޫ އަންހެނުންގެ ހޭންޑް ބޯލް މުބާރާތުގައި ހަރަކާތްތެރިވި އޮފިޝަލުން - ފޮޓޯ: ލާޔާ އެކަޑަމީ

ލާޔާ އެކަޑަމީގެ ރައީސް އަހުމަދު ފަހީމް ވިދާޅުވީ ކުރިއަށް ހުރި ދުވަސްތަކުގައި ލަޔާ އެކަޑަމީގެ ފަރާތުން ކުޅިވަރު ޝަހްސިއްޔަތުތައް ބިނާ ކުރުމަށް ޓްރެއިނިން ހަރަކާތްތައް އިތުރުކޮށް އޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވާތީ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ ސިއްހީ ރައްކާތެރިކަމުގެ އިރުޝާތުތަކާ އެއް ގޮތަށެވެ. އަދި ރަށު ކައުންސިލާއި ރަށުގައި އެކުލާވާފައިވާ ޓާސްކް ފޯސްގެ އިރުޝާދުތަކާ ވެސް އެއް ގޮތަށެވެ.

މި ހާލަތުގެ ސަބަބުން، ލާޔާ އެކަޑަމީގެ ބައެއް ހަރަކާތްތައް ވެސް މަޑުޖައްސާލާފައިވެއެވެ. ކޮވިޑް ބަލީގެ ވޭދަނަތައް ގދ. ހޯޑެއްދޫއިން ވެސް ފެނިފައިވެއެވެ. އެކަމަކު ހާލަތު ރަނގަޅުވުމުން ވަން ފެމިލީ ރަންގެ ނަމުގައި ދުވުމެއް ބާއްވާނެ ކަމަށް ވެސް ލާޔާ އެކަމަޑީ އިން ބުނެއެވެ.