ކޮވިޑް-19ގެ ސަބަބުން މާލީގޮތުން ގިނަ ގޮންޖެހުންތަކަކާއި ކްލަބް ތަކުން ކުރިމަތިލާން ޖެހިފައި ވީ ނަމަވެސް މިފަހަރުގެ ޓްރާންސްފާ ވިންޑޯ ވެގެން ގޮސްފައިވަނީ އެންމެ ގިނަ މައްސަލަތަކަކާއި އެންމެ ގިނަ ވާހަކަތައް ދެކެވުނު ޓްރާންސްފާ ވިންޑޯ އަށެވެ.

ޓްރާންސްފާ ވިންޑޯ ފެށިގެން އައި އިރު ފުޓުބޯޅައިގެ އެންމެ ބޮޑެތި ތަރިން ޓީމު ބަދަލުކުރުމުގެ އަޑުތައް ފެތުރިގެން ދިޔައެވެ. އެގޮތުން ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑް ބެލަންޑޯ އެންމެ ގިނަފަހަރު ހޯދާފައިވާ ލިއޮނަލް މެސީ އޭނާގެ ސީނިއާ ކެރިއަރު އެއްކޮށް ހޭދަކުރި ކްލަބް ބާސެލޯނާ ދޫކޮށްލަން އުޅޭކަމުގެ ވާހަކަ ތަކެއް ދެކެވުނެވެ. އަދި މެސީއާއި އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައި އިރު މީގެން އެއްވެސް ކުޅުންތެރިއެއް ކްލަބް ބަދަލުކޮށްފައެއް ނުވެއެވެ.

ގޮންޖެހުންތަކަކާ ކުރިމަތިވި މިފަހަރުގެ ޓްރާންސްފާ ވިންޑޯގެ އެންމެ ފާހަގަކޮށްލެވޭ 5 ޓްރާންސްފަރ އަށް ބަލާލާނަމެވެ.

5- މިރަލެމް ޕިިޔަނިކް - ޔުވެންޓަސް އިން ބާސެލޯނާ އަށް، (73 މިލިއަން ޑޮލަރު)

މި ޓްރާންސްފާއަކީ ގިނަބަޔަކު ހައިރާންކުރުވި ޓްރާންސްފާ އެކެވެ. 24 އަހަރުގެ އަރްތޫރް ޔުވެންޓަސްއަށް ވިއްކާލުމަށްފަހު 30 އަހަރުގެ ޕިޔަނިކް މިވަރުގެ ބޮޑު އަގެއްގައި ބާސާއިން އެޓީމަށް ގެނައުމުން ގިނަބަޔަކު ނިންމީ ބާސާއިން މީގެ ކުރިން ގެންގުޅުނު ޒުވާން ކުޅުންތެރިން، ހާއްސަ ގޮތެއްގައި ބާސާގެ އެކަޑަމީ އިން ތަމްރީނުވާ ކުޅުންތެރިން ސީނިއާ ޓީމަށް ގެނެސް ކުރިއެރުވުމުގެ އުސޫލަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައީ ކަމަށެވެ.

ބާސާއަށް ބަދަލުވުމަށްފަހު ވާހަކަދައްކަމުން ޕިޔަނިކް ބުނީ ބާސާއަށް ކުޅުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށާއި ސަޕޯޓަރުންގެ ކުރިމަތީ ބާސާގެ ދަނޑުގައި ވަރަށް އަވަހަށް ކުޅެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

4- ރުބެން ޑިއާޒް - ބެންފީކާ އިން މެންޗެސްޓާ ސިޓީ އަށް، (79 މިލިއަން ޑޮލަރު)

ޒުވާން ކުޅުންތެރިންނަށް އިސްކަންދީ އެ ކުޅުންތެރިން ކުރިއެރުވުމަށް އެންމެ ވަރުގަދައަަށް މަސައްކަތްކުރާ އަދި އެކަން ކާމިޔާބުވެސް ކުރާ ކޯޗަކަށް ހަމަގައިމުވެސް ވާނީ މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އެވެ. އަނެއްކާވެސް ޕެޕްގެ ކުޑައިގެ ދަށުން ކުރިއެރުވުމަށް ބޮޑު ޓްރާންސްފާ ފީއެއްގައި ގެނައި 23 އަހަރުގެ ރުބެން ޑިއާޒް އަށް ސިޓީގެ ކުރީގެ ކެޕްޓަން އަދި ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ނެތްތަން ފޫބެއްދޭނެ ކަމަށް ފުޓުބޯޅައިގެ ގިނަ މާހިރުން ގަބޫލް ކުރެއެވެ.

3- އަރްތޫރް މެލޯ - ބާސެލޯނާ އިން ޔުވެންޓަސް އަށް (86 މިލިއަން ޑޮލަރު)

24 އަހަރުގެ އަރްތޫރް ބާސާ އިން ބަދަލުވީ އަމިއްލައަށް ބޭނުންވެގެން ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ. ބާސާގެ ކޯޗު ކަމާ ރޮނާލްޑް ކޫމަން ހަވާލުވުމަށްފަހު ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. ކޫމަންގެ ގޭމް ޕްލޭންގައި ނުހިމެނި ފުރުސަތު ނުލިބޭނެކަން އިނގުމުން ޓީމް ދޫކޮށް ދިޔަ ކުޅުންތެރިންވެސް އެބަތިއްބެވެ.

ޔުވެންޓަސް އަށް ބަދުލުވެ އަރްތޫރް ކުޅުނު ފުރަތަމަ މެޗު ނިމުނީ ރޯމާ އާއި ވާދަކޮށް 2-2ން އެއްވަރު ވެގެންނެވެ.

2- ކައި ހަވެޓްޒް - ބަޔާ ލިވަކޫސަން އިން ޗެލްސީއަށް (91 މިލިއަން ޑޮލަރު)

ޖަރުމަނުގެ 21 އަހަރުގެ ކުޅަދާނަ މި މިޑްފީލްޑަރަކީ މިވަގުތު ތިބި އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ތެރޭ ގުނާލެވޭނެ ކުޅުންތެރިއެކެވެ. ޗެލްސީގެ ޖާޒީގައި ހެދި ހެޓްރިކާއި އެކު ކައި ވަނީ އޭނާ ހޯދަން ޗެލްސީ އިން ހަރަދުކުރި ލާރި އެއީ ހައްގު އެއްޗެއްކަން ސާބިތުކޮށްދީފައެވެ.

1- ވިކްޓާ އޮސިމްހެން - ލިލް އިން ނާޕޯލީ އަށް ( 96 މިލިއަން ޑޮލަރު)

މިފަހަރުގެ ޓްރާންސްފާ ވިންޑޯގައި އެންމެ އަގުބޮޑު ކުޅުންތެރިއެއް ގޮތުގައި ޓީމަކުން ހޯދާފައިވަނީ 21 އަހަރުގެ އޮސިމްހެން އެވެ. ޕްރީ ސީޒަންގެ 2 މެޗުގައި 6 ގޯލް އޮސިމްހެން ކާމިޔާބު ކުރިނަމަވެސް ނާޕޯލީގެ ކޯޗް ގަޓޫސޯ ވަނީ ސަޕޯޓަރުންގެ ކައިރިން އޮސިމްހެންގެ ކިބައިން އާދަޔާ ހިލާފު މޮޅުކުޅުމެއް ފެނިދާނެ ކަމަށް އުންމީދު ނުކުރުމަށް އެދިފައެވެ. އަދި މީ ޕެލޭ ނުވަތަ މަރަޑޯނާ ގެނައުން ނޫންކަންވެސް ގަޓޫސޯ ވަނީ ސަޕޯޓަރުންނަށް ހަންދާންކޮށްދީފައެވެ.

މީގެއިތުރުންވެސް ފާހަގަކޮށްލެވޭ ޓްރާންސްފާތަކެއް އެބަހުއްޓެވެ. އެގޮތުން ޕީއެސްޖީއަށް ކުޅުން އެޑިންސަން ކަވާނީގެ އިތުރުން ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ކުޅެމުން ދިޔަ އިކާޑީ ދާއިމީ އެއްބަސްމުވެއްގެ ދަށުން ޕީއެސްޖީ އަށް ބަދަލުވުން އަދި ހަމޭސް ރޮޑްރިގޭޒް އެވަޓަން އަށް ބަދަލުވުން ފާހަގަކޮށްލެވެއެވެ.