މެންޗަސްޓަރ ޔުނައިޓެޑުން މިސީޒަނުގައި ދައްކަމުންދާ ދަށް ކުޅުމުގެ ސަބަބުން އެޓީމުގެ ކެޕްޓަން އަދި ސީނިއަރ ބައެއް ކުޅުންތެރިންނަށް ފާޑުކިޔާ އެޓީމުގެ ކުރީގެ ކެޕްޓަން ރޯއި ކީން ދެއްކި ވާހަކަތަކަށް މިހާރު އެޓީމުގެ ކެޕްޓަން ހެރީ މެގުއާ ހޫނު ރައްދެއް ދީފިއެވެ.

ކީންވަނީ ޔުނައިޓެޑުން މިފަހަކަށް އައިސް ދައްކަމުންދާ ދަށް ކުޅުމަށް މީސްމީޑިއާގެ އިތުރުން މީޑިއާއަށްދޭ އިންޓަވިއު ތަކުގައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ހާއްސަގޮތެއްގައި އެޓީމުގެ ލީޑާޝިޕް އެންމެ ރަނގަޅުކަމަށް ނުފެންނަކަމަށާއި ސީނިއަރ ކުޅުންތެރިންގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެންނަކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ކީން ބުނީ ޔުނައިޓެޑުގެ މިޑްފީލްޑަރުންގެ ގޮތުގައި ނެމާންޖާ މަޓިޗް، ސްކޮޓް މެކްޓޮމިނޭ އަދި ފްރެޑް ބޭނުންކޮށްގެން ޕްރިމިއަރ ލީގުގެ ތަށި ހޯދަން އުޅެފިނަމަ އެމީހަކަށް އުޅެވެނީ މޮޔައިންގެ ދުނިޔޭގައި ކަމަށެވެ. އަދި ޓީމުގެ ކޯޗް އޮލެ ގުނަ ސޯލްޝެއާގެ ހަނީމޫން ދުވަސްވަރު ނިމުމަކަށް އައިސްފައިވާ ކަމަށާއި ޔުނައިޓެޑާއެކެ މި ސީޒަންގައި ސޯލްޝެއާ އަށް މަދުވެގެން ތައްޓެއް ކާމިޔާބުކުރެވެން ޖެހޭނެ ކަމަށްބުނެ ސޯލްޝެއާއަށްވެސް ކީންވަނީ ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

ކީންގެ މިވާހަކަތަކަށް ރައްދުދެމުން މެގުއާ ބުނީ މީގެ އެތައް ޒަމާނެއް ކުރިން ޓީމަށް ކުޅުނު ކުރީގެ ކުޅުންތެރިއަކަށް މިހާރު ޓީމުގެ ހާލަތު ދެނެގަންނަން ނޭނގޭނެ ކަމަށެވެ. އަދި ޓީމުގައި ލީޑަޝިޕްގެ މައްސަލައެއް ނޫޅޭކަމަށާއި އޭނާއަކީ ކެޕްޓަން ކަމުން ލީޑާޝިޕްގެ މައްސަލައެއް އެހެން މީހަކަށް އިނގުމުގެ ކުރިން އޭނާއަށް އިނގޭނެ ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންގެ އިތުރުން ކޯޗިންގް ސްޓާފުންގެ ތެރޭގައި ރަނގަޅު ލީޑަޝިޕެއް ދެއްކޭނެ ވަރުގެ ބަޔަކު އެބަތިބިކަމަށްވެސް މެގުއާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ޔުނައިޓެޑުގެ ކޯޗް ސޯލްޝެއާވެސް ވަނީ ކީންގެ ވާހަކަތަކާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ސޯލްޝެއާ ބުނީ ކީންއަށް މާގިނައިން ބޭކާރު ވާހަކަ ދެއްކެނީކަމަށާއި ދެމީހުންގެ ވަޒީފާ ތަފާތުކަމަށެވެ. ސޯލްޝެއާގެ ވަޒީފާއަކީ ޓީމަށް ކޯޗުކޮށްދިނުން ކަމަށްވާއިރު ކީންގެ ވަޒީފާއަކީ ފާޑުކިޔާ ހިޔާލު ދިނުންކަމަށެވެ. އަދި ކީންގެ ހިޔާލުތައް އަޑުއަހާނެ ކަމަށާއި އެހެންނަމަވެސް އޭނާގެ ކުޅުންތެރިންނާއިމެދު ވަރަށް ހިތްހަމަ ޖެހޭކަމަށްވެސް ސޯލްޝެއާވަނީ ބުނެފައެވެ.

މާދަމާރޭ ޗެމްޕިއަންސް ލީގުގައި އިސްތާންބުން ބަސަކްސަހިރާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މެގުއާ ބުނީ ކުރީގެ މެޗުތަކުގައި ހެދުނު ގޯސްތައް ރަނގަޅުކުރުމަށް ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ފަރިތަކުރުންތަކުގައި މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި ކުރިއަށް ހުރިމެޗުތަކުގައި މިގޯސްތައް ރަނގަޅުކޮށް ރަނގަޅު ކުޅުމެއް މުޅި ޓީމުގެ ފަރާތުންވެސް ފެނިގެންދާނެކަމަށް މެގުއާ ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް އެޓީމު އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައެވެ.