ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހދ.ކުމުންދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ފެށި "ކޭވައިއެސް ވުމެންސް ފުޓްސަލް ލީގް 2020" ގައި މިއަދު ކުޅުނު މެޗުތައް ޓާރފް ކުއީން އާއި ސީއެސް ވިމެން ކާމިޔާބުކޮށްފިއެވެ.

މިއީ 2011 ވަނަ އަހަރުން ފެށިގެން މި ޖަމްއިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށްފަހު ޖަމިއްޔާގެ ހަރަކާތްތައް އަލުން ފެށުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ. މުބާރާތް ފެށުމުގެ ގޮތުން ހާއްސސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ޔޫތު އެގްޒެގެޓިވް ޝައުފާ އިބްރާހިމް ހިލްމީ އެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މީގެއިތުރުން މި ރަސްމިއްޔާތުގައި ކުމުންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަމީން އާއި ކުމުންދޫ ޔޫތު ސްޕޯޓްސްގެ ރައީސް އަބްދުﷲ މުބާރަކު އަދި އެރަށު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު އާދަމް ނަސްރު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މުބާރާތުގެ މެއިން ސްޕޮންސަރ މަންނާމު ފަރާތުން އަލީ އާދަމްވެސް ބައިވެރިވިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހަވީރު ބައްދަލުކުރީ ޓާފް ކުއީން އާއި ޒީރު ސްޓާސް އެވެ. މި މެޗު ޓާފް ކުއީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ޓާފް ކުއީންގެ ޝަހީމާ ހަސަން އެވެ. ރޭގަނޑު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ރެހެނދި އާއި ސީއެސް ވިމެންސް އެވެ. މި މެޗު 4-0 އިން ކާމިޔާބުކުރީ ސީއެސް ވިމެން އެވެ. ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ސީއެސް ވިމެންގެ ޝަހުލާ އާދަމްއެވެ.

ރޭގަނޑު ކުޅުނު މެޗުގެ ތެރެއިން

ޖުމްލަ ފަސް ޓީމާއެކު ބާއްވާ މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 3 އިން 11 އަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މި މުބާރާތަކީ ހަމައެކަނި ކުމުންދޫ ކަނބަލުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްދާ މުބާރާތެކެވެ. ކުމުންދޫ ފުޓްސަލް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މަންނާމް އެވެ. ކޮންމެދުވަހަކު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗުތައް ރޭގަނޑުވެސް ކުޅޭނެކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.