ބާސެލޯނާ ދޫކޮށްލުމަށްފަހު އަންދްރޭސް އިނިއެސްޓާ ދެން ބަދަލުވާނީ ޖަޕާނުގެ ކްލަބަކަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 34 އަހަރުގެ އިނިއެސްޓާ ބަދަލުވާން ނިންމާފައިވަނީ ޖަޕާނުގެ ޖޭވަން ލީގުގެ ކްލަބު ވިސެލް ކޯބް އަށެވެ. އެގޮތުން މި ޓްރާންސްފާ ފުރިހަމަ ކުރުމަށް އިއްޔެގެ ވަގުތެއްގައި އިނިއެސްޓާ ވަނީ ޖަޕާނަށް ގޮސްފައެވެ.

އިނިއެސްޓާ އާއެކު ވިސެލް ކޯބްގެ އޯނަރު ހިރޯޝީ މިކިޓާނީ ވެސް ވަނީ އިއްޔެ ޖަޕާނަށް ގޮސްފައެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އިނިއެސްޓާ ދައްކާލާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިނިއެސްޓާ ޖަޕާނުގެ ކްލަބަކަށް ބަދަލުވާން ނިންމާފައިވާއިރު ބާސާ އާއި ދެކޮޅަށް ދުވަހަކުވެސް ނުކުޅޭނެ ކަމަށް އޭނާ ވަނީ މީގެކުރިން ބުނެފައެވެ.

އުމުރުން 12 އަހަރުގައި އިނިއެސްޓާ ބާސާ އާއި ގުޅިފައިވަނީ 1996 ވަނަ އަހަރުއެވެ. ބާސާގެ ޔޫތް ޓީމުގައި މޮޅު ކުޅުމެއް އިނިއެސްޓާ ދައްކާފައިވާއިރު 2001 ވަނަ އަހަރު އޭނާ ވަނީ އެ ކްލަބުގެ ބީ ޓީމަށް ޕްރޮމޯޓްވެފައެވެ.

އަދި އޭގެ އެއް އަހަރުފަހުން ބާސާ ސީނިއާ ޓީމުން ވެސް އިނިއެސްޓާ އަށް ވަނީ ޖާގަ ލިބެން ފަށާފައެވެ. ބާސާގެ ސީނިއާ ޓީމަށް އިނިއެސްޓާ އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2002 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޗެމްޕިއަންސް ލީގުގެ އެ މެޗުގައި ރަށުން ބޭރުގައި ބާސާ އިން ބައްދަލުކުރީ ބްލެޖިއަމްގެ ކްލަބެއް ކަމަށްވާ ކްލަބް ބްރޫޖްއާއެވެ. އޭރު ބާސާގެ ކޯޗަކަށް ހުރީ ލުއިސް ވެންހާލްއެވެ.

އިނިއެސްޓާ ވަނީ ބާސާގައި ހޭދަކުރި މުއްދަތުގައި 675 މެޗު ކުޅެދީ 57 ގޯލު ކާމިޔާބުކޮށް 142 އެސިސްޓު ހަދާފައެވެ.

ބާސާގެ ކެޕްޓަންކަން ވެސް ކުރަމުން އައި އިނިއެސްޓާ ވަނީ އެ ކްލަބާ އެކު 33 ތަށި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ސްޕެނިޝް ލީގު ނުވަ ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.