ލަލީގާގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅެ ބަލިވިމެޗުގައި ސީރިއަސް އަނިޔާއަކާއި ކުރިމަަތިވެ ދިގުމުއްދަތަކަށް ރެއާލް މެޑްރިޑުގެ ޒުވާން މިޑްފީލްޑަރ ވަލްވާޑޭ ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

ރެއާލް މެޑްރިޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން ވަލްވާޑޭގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ. އެހެންނަމަވެސް އޭނާ އަނިޔާއިން އެއްކޮށް ރަނގަޅުވާން ނަގާނީ ކިހާ މުއްދަތެެއް ކަމެއް އެބަޔާނުގައި ބުނެފައިވެއެވެ.

އެޓީމުގެ އޮފިޝަލް ވެބްސައިޓުގައި ބުނެފައިވަނީ ވަލްވާޑޭގެ އަނިޔާ ދެނެގަތުމަށް ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި ނަތީޖާ ދައްކާގޮތުން ކަނާތުފައިގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާކަމަށެވެ. އަދި ރިކަވާ ވާން ކުރަންޖެހޭ މަސައްކަތްތަކާއި ނަގާނެ މުއްދަތު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށްވެސް މިބަޔާނުގައި ބުނެފައިވެެއެވެ.

ވަލްވާޑޭއަށް އަނިޔާވެ މެޗުގެ 76 ވަނަ މިނެޓުގައި އޭނާގެ ބަދަލުގައި ޓޮނީ ކްރޫޒް ކުޅެން އެރުވިއިރު މެޗުގައި ރެއާލް ބަލިވީ 1-4ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މިމެޗުގައި ރެއާލްގެ ޑިފެންސް ލައިނުން ގިނަ ގޯސްތަކެއް ހެދިތަން ފެނިގެންދިޔައިރު އެޓީމު ކޮޅަށް ވަދެފައިވާ 4 ލަނޑުގެ ތެރެއިން ތިންލަނޑަކީ ވެލެންސިއާއަށް ލިބުނު ޕެނަލްޓީ ތަކަކުން އެޓީމު ކާމިޔާބުކުރި ތިން ލަނޑެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ރެއާލްގެ ޑިފެންޑަރު ވަރާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ޒިދާންގެ ކޯޗުކަމުގެ ދަށުގައި ރެއާލްގެ ފުރަތަމަ 11 އިން ތަކުރާރުކޮށް ޖާގަ ހޯދަމުންދާ ވަލްވަޑްރޭ ވަނީ އެޓީމަށް ކުޅެދިން 11 މެޗުގައި ތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ޒިދާންގެ ޓީމުގައި ވަލްވާޑޭ ވެގެން ގޮސްފައިވަނީ އެންމެ އިތުބާރު އަދި އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށެވެ.