"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލުގައި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ވޯޓުލުމުގެ ފުރުސަތު މާދަމާ ހެނދުނު ހުޅުވާލާނެއެވެ.

އެންމެފަހުން ނިމުނު މި ޗެލެންޖުގެ ކުއާޓާފައިނަލާއި ސެމީފައިނަލުގައި އަޝްފާގަށް ލައްކައިން ވޯޓު ލިބުނު ކަމަށް އޭއެފްސީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ފައިނަލް ބުރުގައިވެސް ގިނަ ވޯޓުތަކެއް ލިބޭނެކަމަށް ބެލެވެއެވެ. އެއީ ގިނަ ބަޔަކު އަޝްފާގަށް ތާއީދުކޮށް ކެމްޕެއިން ކުރަމުންދާތީއެވެ.

ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ. ސެމީފައިނަލުގައ ދަގަނޑޭއަށް ލިބުނު ވޯޓުގެ އަދަދަކީ 54.68 އިންސައްތައެވެ. ވިއެޓްނާމުގެ ކުޅުންތެރިޔާއަށް ލިބުނީ 45.32 އިންސައްތައެވެ.

ޗެލެންޖުގެ ފައިނަލަށް ޗަން ސިއު ކީވެސް ދަތުރުކޮށްފައިވަނީ ވާދަވެރި ކުރިމަތިލުންތަކަށް ފަހުއެވެ. ފައިނަލުގެ ޖާގަ ޗޭން ޗަން ސިއު ކީ ހޯދާފައިވަނީ ސެމީފައިނަލުގައި ވޯޓުލީ މީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އޭނާއާއި ވާދަކުރި މެލޭޝިއާގެ ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.

މި ދެ ބުރު ފަހަނައަޅައި ދަގަނޑޭ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްބައިވެގެން ކުރި މަސައްކަތުންނެވެ. އެގޮތުން އަޝްފާގްއަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް އެއް ވަނީ ހުޅުވާފައެވެ. މި ގްރޫޕުންވެސް ފައިނަލާއި ގުޅޭގޮތުން ސަޕޯޓަރުންނާއި ގުޅިގެން ކަންކަން ކުރުމަށް ވަނީ ރާވާފައެވެ. ވައިބަރ ގްރޫޕްގެ އިތުރުން އަޝްފާގަށް ހާއްސަ ވައިބަރ ސްޓިކަރ ޕެކެއްވެސް ވަނީ ތައާރަފް ކޮށްފައެވެ.

އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ.

މި ޗެލެންޖުގެ ފައިނަލް ބުރުގައި ވޯޓުލުމަށް ހުޅުވާލާނީ އަންނަ ބުދަދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ފޭދޫ

    ވިއެޓްނާމާ ބަލާ އިރު ހޮންކޮންގް މީހުން ކޮމްޕިއުޓަރ އަދި ސްމާޓް ފޯނަށްމާ އަހުލުވެރިވާނެ. އެހެންކަމުން ހޮންކޮންގުންދޭ ވޯޓް ބޮޑުތަނުން މަތިވާނެ. ގައުމީ ފެންވަރުގައި މަސައްކަތް ކޮށްގެންނޫނީ ކާމިޔާބެއް ނުވާނެ.

    3
    1