އަންހެނުންނަށްވުރެ ބޮޑަށް ފިރިހެނުންންގެ މެދުގައި މަގުބޫލު ކުޅިވަރެއް ކަމުގައިވާ ކްރިކެޓްގެ ވޯލްޑް ކަޕެއް ފިރިހެނުންނަށްވުރެ ކުރިން އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވުނުކަން އިނގޭހެއްޔެވެ؟.

ފިރިހެނުންނަށް އެންމެ ފުރަތަމަ ކްރިކެޓް ވޯލްޑް ކަޕެއް ބޭއްވުނީ 1975 ވަނަ އަހަރުއެވެ. މިކުޅިވަރު ކުޅުމުގައިވެސް އަދި ބެލުމުގައިވެސް ފިރިހެންގެ ޝައުގުވެރިކަން ބޮޑުވިނަމަވެސް ފިރިހެނުންނަށް ވޯލްޑް ކަޕް ބޭއްވުމުގެ ދެއަހަރު ކުރިން 1973 ވަނަ އަހަރު އަންހެނުންނަށް ވަނީ ވޯލްޑް ކަޕެއް ބާއްވާފައެވެ.

އިނގިރޭސިވިލާތުގައި ބޭއްވުނު އަންހެނުންގެ ފމި ވޯލްޑްކަޕްގެ ޗެމްޕިއަންކަން އެންމެ ފުރަތަމަ ފަހަރަށް އުފުލާލާފައިވަނީވެސް އިނގިރޭސި ޓީމެވެ، މިމުބާރާތް އެޓީމުން ކާމިޔާބުކުރީ ކުޅުނު ހަމެޗުގެ ތެރެއިން ފަސްމެޗު ކާމިޔާބުކޮށްގެނެވެ. އިނގިރޭސި ޓީމު ބަލިވެފައިވަނީ ހަމައެކަނި ނިއުޒިލެންޑްގެ އަންހެން ޓީމު އަތުންނެވެ.

އަންހެނުންގެ ވޯލްޑްކަޕެއްގައި އެންމެ ފުރަތަމަ "ސެންޗޫރީ" އެއް ހަދާފައިވަނީ އިނގިރޭސި ޓީމުގެ އެނިޑް ބޭކްވެލް އާއި ލީން ތޯމަސްއެވެ. މިދެކުޅުންތެރިންވެސް ސެންޗޫރީ ހަދާފައިވަނީ މުބާރާތް ހުޅުވި މެޗުގައެވެ.

ފުރަތަމަ އަންހެނުންގެ ކްރިކެޓް ވޯލްޑް ކަޕްގެ ޓޮޕް ރަން ސްކޯރަރ އަކަށް 6 މެޗުން 264 ރަން ހަދައިގެން ހޮވިފައިވަނީ އެނިޑް ބޭކްވެލްއެވެ. އަދި އެމުބާރާތުގެ ޓޯޕް ވިކެޓް ޓޭކަރަކަށް ހަމެޗުން 12 ވިކެޓް ހަދައިގެން ހޮވިފައިވަނީ ރޮސެލިންޑް ހެގްސްއެވެ.

ދިގު ތާރީހެއް އޮތް މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އޮސްޓްރޭލިއާއެވެ. އެގައުމުން ޖުމްލަ 6 ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައިވެއެވެ. އަދި ޖުމްލަ 1,501 ރަންސް އާއިއެކު މުބާރާތުގެ އެންމެ ގިނަ ރަންސް ހެދިކުޅުންތެރިއަކީ ނިއުޒިލޭންޑްގެ ޑެބީ ހޮކްލީއެވެ.

ދެން އެންމެ އަވަހަށް މިމުބާރާތް އޮންނާނީ 2022 ވަނަ އަހަރު ސައުތް އެފްރިކާގައެވެ.

ކިޔުންތެރިންގެ ހިޔާލު