ބާސެލޯނާގެ ރައީސަކަމަށް އިންތިހާބުވެއްޖެނަމަ ޕީއެސްޖީއަށް ކުޅެމުން އަންނަ އެޓީމުގެ ކުރީގެ އިތުބާރު ފޯވާޑް ނޭމާ އަނބުރާ ބާސާއަށް ނުގެންނާނެ ކަމަށް ބާސާގެ ރައީސްކަމަށް ވާދަކުރާ ޒަވީ ވިލަޖޮއާނާ ބުނެފިއެވެ.

ބޭރުގެ ކުޅިވަރު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޒަވީ ބުނީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ބާސާގެ ކުރިއެރުމަށް އެކުލަވާލާ ޕްލޭންގައި ނޭމާ ހިމެނުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

ބާސާގެ ރައީސް ބާޓެމޮއު އާއި ބާސާގެ ބޯޑު އެއްކޮށް މަގާމުން އިސްތިއުފާދީފައި ވާއިރު މިފެށޭ އަހަރުގެ ކުރީކޮޅު އާ ރައީސްއެއް އިންތިހާބުކުރެވި އާ ބޯޑު އެކުލަވާލާނެއެވެ. މިހާރު އޮތްގޮތުން ޖެހުއަރީ މަހުގެ 24 ވަނަ ދުވަހު ބާސާގެ ރައީސް ހޮވުމަށް އިންތިހާބު ބޭއްވިގެން ދާނެއެވެ.

ޒަވީ ވިލަޖޮއާނާ އަކީ ބާޓެމޮއު އާއިއެކު އެކުގައި އެތައް ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އެހެންނަމަވެސް މިހާރު އޭނާ ބާސާގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ބާޓެމޮއުގެ ބައިވެރިވުމެއް ނެތިއެވެ.

ގޯލް.ކޮމް އަށް ޒަވީ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އޭނާ ރައީސްކަމުގެ މަގާމާއި ހަވާލުވެއްޖެނަމަ އިސްކަންދޭނީ އެޓީމުގެ ކުރީގެ އުސޫލު ކަމުގައިވާ އެކަޑަމީއިން ކުޅުންތެރިންތަކެއް ބިނާކޮށް އެކުޅުންތެރިން ކުރިއަރުވާ ސީނިއާ ޓީމަށް ގެނައުމަށް ކަމަށެވެ. އަދި ނޭމާ ޕީއެސްޖީއަށް ބަދަލުވި ސީޒަނުން ފެށިގެންވެސް އޭނާ އެނބުރި ބާސާއަށް ގެންނަން އުޅޭ ކަމުގެ އަޑުތައް ކޮންމެ ޓްރާންސްފަރ ވިންޑޯ އެއްގައިވެސް ފެތުރޭ ކަމަށާއި އެހެންނަމަވެސް އޭނާގެ ރައީސް ކަމުގެ ދަށުގައި ނޭމާ އަނބުރާ ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

ބާސާގެ ރައީސްކަމާއި ހަވާލުވުވާ ކޮންމެ ފަރާތަކުންވެސް އެންމެ ފުރަތަމަ ހަމައަކަށް އަޅުވަން ޖެހޭނީ އެޓީމުގެ ތަރި އާއި ޓީމުގެ އިސްވެރިންނާއި މެދުގައި ޖެހިފައިވާ މައްސަލައެވެ. ބާސާގެ ރައީސްކަމުގެ މަގާމުން ބާޓެމޮއު ވަކިވާން ޖެހުނު މައިގަނޑު ސަބަބަކީވެސް މިމައްސަލަ ތަކެވެ.

މެސީއާއި ބެހޭގޮތުން ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބުދެމުން މެސީ ޒަވީ ބުނީ މަގާމާއި ހަވާލުވުމަށްފަހު ނިންމުންތައް ނިންމަން ޖެހޭ ފަރާތްތަކާއި އެކުގައި މަޝްވަރާކޮށް މެސީ އެޓީމުގައި ބަހައްޓަން އިތުރު މަސައްކަތްތަކެއް ކުރަން ފެންނަ ކަމުގައިވާނަމަ އެކަން ކުރާނެ ކަމަށާއި އޭގައި އޮންނާނީ ދެފަރާތް އެއްބަސްވާ ގޮތަކަށް މަޝްވަރާތައް ނިމުން ކަމަށެވެ. އަދި އެގޮތަށް އެކަންތައް ނުވެއްޖެ ނަމަ ދެން ހަދަންވާ ގޮތެއްވެސް ނިންމާނީ މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް ޒަވީ ވަނީ ބުނެފައެވެ.

މެސީ ބާސާއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ 30ގެ ނިޔަލަށެވެ.