ލިވަޕޫލްއަށް ކުޅޭ މިސްރުގެ ހުނަރުވެރި ފޯވަޑް މުހައްމަދު ސަލާހުގެ ވާހަކަ ފަހަކަށް އައިސް ދެކެވެމުން ދަނީ ސަބަބަކާ ހުރެއެވެ. ސަލާހު ވެފައި މިވަނީ މިސްރުގެ ރައްޔިތުންގެ އިތުރުުން ފުޓުބޯޅައަށް ލޯބި ކުރާ އެތައް މުސްލިމުންގެ ލޯބި ލިބިފައިވާ ފަރާތަކަށެވެ.

ސަލާހުގެ މުހިންމުކަން އެންމެ ބޮޑަށް ހާމަވެގެން ދިޔަ އެއްކަމަކީ ފާއިތުވި ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ސަލާހުއަށް ލިބުނު އަނިޔާގެ އަދާހަމައެއް މިސްރުގެ ރައީސް އަބްދުލްފައްތާހު އަލްސީސީ އަމިއްލަފުޅަށް ދެއްވުމުންނެވެ. ސީސީގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމު ކުރި ޕޯސްޓެއްގައި ވިދާޅުވީ ސަލާހުއަށް އަނިޔާވުމާއެކު އޭނާއަށް ގުޅުއްވި ކަމަށެވެ.

ސީސީގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ މިސްރުގެ ދަރިއެއް އަދި އެގައުމުގެ ފަހުރު ކަމަށްވާ މުހައްމަދު ސަލާހުއަށް އަނިޔާވުމުން އޭނާއަށް ގުޅުއްވައި ހާލު ބެއްލެވި ކަމަށެވެ. އަދި އޭނާ އާއެކު ދެއްކި ވާހަކައިން އޭނާ އަކީ އަނިޔާއަށް ވުރެ މާ ވަރުގަދަ ބަތަލެއް ކަމަށް ދޭހަވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ. އަދި ސަލާހު ހުރީ ކުރިއަށް އޮތް ވޯލްޑްކަޕުގައި ވެސް ކުޅޭ ގޮތައް ކަމަށާއި، ބައްޕައަކު ދަރިއަކަށް ދުއާ ކުރާ ފަދައިން އޭނާގެ އަނިޔާ ރަނގަޅު ކުރުމަށް ދުއާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަނިޔާއާ ބެހޭގޮތުން ސަލާހުވެސް ވަނީ މީސް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނަށް މައުލޫމާތު ހިއްސާކޮށްފައެވެ. އޭނާ ބުނީ ވޯލްޑްކަޕްގައި އޭނާ ފެނިގެން ދާނެ ކަމަށާއި އޭނާގެ ސަޕޯޓަރުން ފަހުރުވެރި ކުރާނެ ކަމަށެވެ.

ސަލާހުއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރެއަލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލް ނުކުތް މެޗުގައި ރެއަލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ވުރެ ކުރިން ބޯޅަ އަތުލަން އުޅުމުގެ ތެރޭގައެވެ. އަނިޔާވެފައި ވަނީ ސަލާހުގެ ކޮނޑަށެވެ.