މި ސީޒަނުގައި އާސެނަލް އިން ދައްކަމުންދާ ދަށް ކުޅުމާއި ޓީމު މިވަގުތު އޮތް ހާލަތާއި މެދު ދެރަވާކަމަށާއި މި ދަތި ވަގުތުގައި ޓީމަށް އެހީތެރިވެވޭނެ ނަމައޭ ހިތަށް އަރާކަމަށް މެސަޓް އޮޒިލް ބުނެފިއެވެ.

ޓުވިޓާގައި ބޭއްވި ސުވާލު/ޖަވާބު ސެޝަނެއްގައި އޮޒިލް އާއި ކުރިމަތިވި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ މިއީ އޭނާގެ އިިތުރުން މުޅި ކުލަބަށްވެސް ދަތި ހިތްދަތި ދުވަސްތަކެއް ކަމަށެވެ. އަދި މިއީ އެންމެންނާއި ވެސް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެއް ކަމަށާއި މި ދަތި ހާލަތުން އަރަައިގަތުމަށް އޭނާގެ އެހީތެރިކަން ޓީމަށް ފޯރުކޮށްދެވޭނެ ނަމައޭ ހިތަށްއަރާ ކަމަށް އޮޒިލް ވަނީ ބުނެފައެވެ.

"އެއްވެސް ޝައްކެއް ނެތި މިބުނަނީ، އަހަރެން ބޭނުން ޓީމަށް އެހީވާން. އެކަމަކު އަހަރެންގެ އެހީ ޓީމުން ބޭނުން ނުވާ ހާލަތުގައި އަހަރެންނާއި ނުލާވިޔަސް ޓީމުގެ ހާލަތު ރަނގަޅުވާން އަހަރެން ވަރަށް ބޮޑަށް ބޭނުން".

ދަތި ހާލަތެއްގެ ގޮތުގައި އޮޒިލް އިޝާރާތް ކުރަނީ މިސީޒަނުގައި އެޓީމުން ޕްރިމިއަރ ލީގުގައި ނެރެމުންދާ ދަށް ނަތީޖާތަކަށެވެ. ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވިފައި ވަނީ އެންމެ ހަތަރު މެޗުންނެވެ. ޖުމްލަ 8 މެޗުން މި ސީޒަނުގައި އާސެނަލް ބަލިވެފައިވެއެވެ. އެޓީމަށް އެންމެ ފަހުން ލީގުގައި މޮޅުވެވިފައި ވަނީ ހުސްވި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު މެންޗަސްޓަރ ޔުނައިޓެޑް އަތުންނެވެ.

ސާދަ މެޗުން ހޯދި 14 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައި އެޓީމު އޮތީ ރެލިގޭޝަންގެ ބިރާއިވެސް އެކުގައެވެ. ފަހަކަށް އައިސް އެޓީމުން ނެރެމުންދާ ދަށް ނަތީޖާތަކާއި އެކު ފުޓުބޯޅައިގެ މާހިރުން ދަނީ އެޓީމު ޕްރިމިއަރ ލީގަށް ކޮލިފައިވި ފަހުން ފުރަތަމަ ފަހަރަށް ރެލިގޭޓް ވެދާނެކަމަށް ބުނެ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެޓީމު ޕްރިމިއަރ ލީގަށް ކޮލިފައިވެފައި ވަނީ 1919 ވަނަ އަހަރުގައެވެ.

އޮޒިލް އޭނާގެ އެހީ އާސެނަލްއަށް ފޯރުކޮށްދޭން ހުށަހަޅާފައި ވާއިރު އެޓީމުގެ ކޯޗް މިކެލް އާޓެޓާ ވަނީ މި ސީޒަނުގެ ފުރަތަމަ ބަޔަށް އޭނާ އެކުލަވާލި ހުރިހާ ސްކޮޑަކުން އޮޒިލް ބާކީ ކޮށްފައެވެ. އެންމެ ފަހުން އޮޒިލް އާސެނަލް އަށް މެޗެއް ކުޅެދީފައިވަނީ މިއަހަރުގެ މާޗު މަހުގެ 7 ވަނަ ދުވަހު އެވެ.