އިނގިރޭސި ޕުރިމިއަރ ލީގުގައި ރޭ އާސެނަލްއާއި ފުލްހަމް ބައްދަލުކުރި މެޗުން އާސެނަލް މޮޅުވިޔަ ނުދީ ފުލްހަމްއިން ހިފަހައްޓައިފިއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނަގާފައި ވަނީ ފުލްހަމްއިންނެވެ.
މެޗުގެ ފުރަތަމަ މިނެޓުގައި އެޓީމުގެ ޖާރޒީ ނަމްބަރު 18 އެންޑްރޭ ޕެރޭރާ ކާމިޔާބުކޮށްދިން މިގޯލު ވެފައިވަނީ މި ސީޒަނުގައި މިހާތަނަށް ޖެހި އެންމެ އަވަސް ގޯލަށެވެ

ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ވަނީ ގޯލާއި އަމާޒުކޮށް ހަތަރު ހަމަލާއެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި މީގެން އެއްވެސް ހަމަލާއެއް ކާމިޔާބު ނުކުރެވުނެވެ. ފުރަތަމަ ހާފުގެ ކޮންޓްރޯލު ނަގައިގެން އާސެނަލުން ކުޅެމުން ދިޔައިރު، ފުލްހަމްގެ ގޯލުން މާ ބޮޑު ޕްރެޝާއެއް އާސެނަލަށް ނުކުރެއެވެ. ގިނަ ޕާސް ތަކަކާއި އެކު ރީތި ކުޅުމެއް އާސެނަލްގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ.

ދެވަނަ ހާފު ފަށައިގެން ފުލްހަމްއިން ކުޅުން އިތުރަށް ރަނގަޅު ކުރި ނަމަވެސް ގޯލާއި އަމާޒުކޮށް ފޮނުވާ ލެވުނީ ދެ ހަމަލާއެވެ. އެހެން ނަމަވެސް އާސެނަލުން ވަނީ ގޯލާއި އަމާޒުކޮށް ފަސް ހަމަލާ ފޮނުވާ ލާފައެވެ. އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސަކާއެވެ. މިއީ ފުލްހަމްގެ ކެލްވިން ބައްސޭ ކުރި ކުށަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ފައުލާއި އެކު ދެ ރީނދޫ ކާޑު ހަމަވެގެން އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

އާސެނަލްގެ ފުރަތަމަ ގޯލު ޖަހާ ދެ މިނެޓު ފަހުން މެޗުގައި ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ނިކެޓިއާއެވެ. ލީޑުގައި އޮވެ ރަނގަޅު ކުޅުމެށް އާސެނަލުން ކުޅެމުން ދިޔަ ނަމަވެސް މާ ގިނަ އިރު ލީޑު ހިފަހައްޓާ ނުލެވުނެވެ. މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ފުލްހަމްއަށް ކާމިޔާބުކޮށްދިނީ ފަލްފިންހާއެވެ. މި ނަތީޖާއާއި އެކު ކުޅުނު ތިން މެޗުން އާސެނަލް ވަނީ 7 ޕޮއިންޓް ހޯދާފައެވެ.